ގަތަރުގެ ކުންފުންޏަކުން ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ މަރުކަޒެއް ތަރައްޤީކުރުން އިފްތިތާހު ކޮށްފި

ގަތަރުގެ ކުންފުންޏަކުން ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ މަރުކަޒެއް ތަރައްޤީކުރުން އިފްތިތާހު ކޮށްފި

Author
ހުސައިން
04 މެއި 2025 10:37
0

ގަތަރު ޝާހީ އާއިލާގެ ބޮޑު ހިއްސާއެއް އޮންނަ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުން ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު އިންވެސްޓްކޮށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) ގާއިމްކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ހުރިހާ ހިއްސާދާރުން ބައިވެރިވި އިރު، މީގެ ތެރޭގައި ގަތަރުގެ ޝާހީ އާއިލާގެ މެންބަރުންނާއި މާލީ ދާއިރާގައި ދުނިޔޭގެ މަޝްހޫރު އެތައް ބޭފުޅުންނެއް ހިމެނިވަޑައިގަތެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެމްއައިއެފްސީ އަކީ ރާއްޖޭގެ މާލީ ނިޒާމް ދުނިޔެއަށް ހުޅުވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. މާލޭގައި ޤާއިމްކުރެވޭ މި މާލީ މިނިވަން ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި ޑިޖިޓަލް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މި ފައިނޭންޝަލް ސެންޓަރަކީ އިޤްތިސާދީ ގޮތުން ވަރުގަދަކަމުގެ ނިޝާނަކަށްވާނެ ކަމަށާއި އަންނަން އޮތް އެތައް ޖީލުތަކަކަށް ބޮޑެތި ފައިދާތައް ކުރާނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ޓޫރިޒަމްގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިސާދު ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ގާއިމްކުރެވިގެންދާނެ ކަމަށް އުންމީދުކުރެއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ޙުސައިން ވިދާޅުވީ މި މާލީ މަރުކަޒުން އާ ބައިނަލްއަޤްވާމީ މިންގަނޑެއް ކަނޑައަޅައި މާލީ އައު އީޖާދުތައް މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ކުރިއަރުވާނެ ކަމަށެވެ.

އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެއެވެ. އަދި މި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެއެވެ. ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭ ޤަވާޢިދުތައް ވެސް އެކުލަވާލާނެއެވެ.

މުޅި މަޝްރޫޢުގެ މައިގަނޑު މަރުކަޒަކީ 3,500 މީހުންގެ ޖާގައިގެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ރެސިޑެންޝަލް ޓަވަރުތަކާއި، މަތީ ފެންވަރުގެ ހޮޓާތަކާއި، ރީޓެއިލް ތަންތަން، އޯޝަނޮގްރަފިކް މިއުޒިއަމް، މިސްކިތެއް އަދި އިންޓަރނޭޝަނަލް ސްކޫލެއް ވެސް ހިމެނޭނެއެވެ.

މި މަޝްރޫޢު ފުރިހަމައަށް ނިންމުމަށް 2030 ވަނަ އަހަރާ ހަމައަށް ރޭވިފައިވާ އިރު، 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމަށް ލަނޑުދަނޑި ކަނޑައަޅައިފައިވެއެވެ. 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.

މި ސަރަޙައްދުގައި މޫސުމަށް އަންނަ ބަދަލުތަކާ ރައްޓެހި، ދެމެހެއްޓެނިވި ވަސީލަތްތައް ހުންނާނެ އިރު، އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރު ކަމަށާއި މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.