އިންޑިއާގެ ނޭވީން އެ ގައުމުގެ އޮފް ޝޯ ޕެޓްރޯލް ވެސެލް 'އައިއޯއެސް ސާގަރު' ދިވެހިރާއްޖެއަށް އަންނަ ދަތުރު ފަށައިފައިވާ ކަމަށް އިއްޔެ ހާމަކޮށްފިއެވެ.
ސީޝެލްސްގެ ބަނދަރު ވިކްޓޯރިއާއިން އައިއޯއެސް ސާގަރު ރާއްޖެ އަންނަ ދަތުރު ފަށައިފައިވަނީ ހުކުރު ދުވަހުއެވެ. އިންޑިއާ ނޭވީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މި ފަހަރު އައިންޑިއާއަށް އަނބުރާ ދިއުމުގެ ކުރިން އެންމެ ފަހުން ބަނދަރުކުރާނީ ރާއްޖެގައެވެ.
ބުރާސްފަތި ދުވަހު ސީޝެލްސްގައި އައިއޯއެސް ސާގަރު ބަނދަރުކޮށް އެ ގައުމުގެ އިސްވެރިންނާއި އިންޑިއާ ނޭވީގެ އޮފިޝަލުންނާ ދެމެދު މަޝްވަރާ ބައްދަލުވުންތަކާއި ސަގާފީ ހަރަކާތްތައް ބޭއްވިފައިވެއެވެ. އަދި ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެ ގައުމުގެ އެއްބާރުލުން ވަރުގަދަކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވިފައިވެއެވެ.
އިންޑިއާއިން 2015 ވަނަ އަހަރު ފަށާފައިވާ ސާގަރު ޑޮކްޓްރިންގެ ދަށުން އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާ ނޭވީން ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި ގޮތުން އޮފް ޝޯ ޕެޓްރޯލް ވެސެލް 'އައިއެންއެސް ސުނައިނާ' ގެ ނަން 'އައިއޯއެސް ސާގަރު' އަށް ބަދަލުކޮށް އިފުތިތާހު ކުރެވުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
މި މަނަވަރުގެ ދަތުރުގައި އިންޑިއާ ކަނޑު ސަރަހައްދުގެ ނުވަ ގައުމެއްގެ 44 ފަޅުވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސް، ކެންޔާ، ޓެންޒޭނިއާ އަދި އިންޑިއާ ހިމެނެއެވެ. އެ ފަޅުވެރިންނާއެކު ޓްރެއިނިންތަކާއި އިގްތިޞާދީ ޚާއްސަ ސަރަހައްދު (އީއީޒެޑް) ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެއެވެ.
އައިއޯއެސް ސާގަރު ރާއްޖެ އަންނައިރު، މިދިޔަ ހަފުތާގެ ތެރޭގައި އިންޑިއާގެ 'އައިއެންއެސް ކޮޗީ' ވެސް ވަނީ މާލެއަށް ޒިޔާރަތްކޮށްފައެވެ. އައިއެންއެސް ކޮޗީ ރާއްޖެ އައީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު ޝިޕް ހުރަވީ މަރާމާތުކުރުމަށްފަހު އަނބުރާ ރާއްޖެ ގެނައުމަށެވެ.
ކޮމެންޓު ފޮނުވާ