އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ދެވަނަ ދައުރަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ދެވަނަ ދައުރަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

Author
ހުސައިން
04 މެއި 2025 12:52
0

 

އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ލޭބަރ ޕާޓީގެ ލީޑަރު އެންތަނީ އެލްބަނީސްއަކީ، ވޭތުވެދިޔަ 20 އަހަރު ތެރޭގައި އެ ޤައުމުގެ ބޮޑުވަޒީރުކަން ޖެހިޖެހިގެން ދެ ދައުރު ހޯއްދެވި ފުރަތަމަ ބޭފުޅެވެ. އޮސްޓްރޭލިއާގައި ބޮޑުވަޒީރުކަމުގެ މަޤާމުގެ ދައުރަކީ 3 އަހަރުގެ މުއްދަތެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޮޑުވަޒީރު އެލްބަނީސް ދެވަނަ ދައުރަށް އިންތިޚާބުވެވަޑައިގަތުމަކީ، އެމަނިކުފާނުގެ ތަސައްވުރާއި ލީޑަރޝިޕްގެ ހަރުދަނާކަން ހާމަވާ ކަމެއްކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ އިތުބާރު ފެންނަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިމަގުގައިވެސް ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ދަމަހައްޓައި ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް ރައީސް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ އިންތިޚާބީ ކޮމިޝަނުން ބުނެފައިވަނީ ވޯޓުގެ 68 އިންސައްތަ މިހާރު ގުނާ ނިމިފައިވާއިރު ޤާނޫނުހަދާ މަޖިލީހުގެ 150 ގޮނޑީގެ ތެރެއިން 81 ގޮނޑި އަލްބަނީސް ނިސްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއާއެކު ހިނގަމުންދާ ދައުރުގައި ލޭބަރ ޕާޓީއަށް ލިބިފައިވާ ގޮނޑީގެ އަދަދަށްވުރެ އަންނަ ދައުރުގައި ލިބޭ ގޮނޑީގެ އަދަދު އިތުރުވާނެއެވެ.

ސަޕޯޓަރުންނަށް ކާމިޔާބީ އިޢުލާނު ކުރައްވަމުން އަލްބަނީސް ވިދާޅުވީ އޭނާގެ ޕާޓީން އިތުރު ޕާޓީއަކާ އިއްތިޙާދެއް ޤާއިމުކުރަން ނުޖެހޭ ވަރަށް ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ. އޭނާގެ ޕާޓީން ޚިޔާރު ކުރާނީ އޮސްޓްރޭލިއާގެ އަމިއްލަ ގޮތް ކަމަށާއި އެހެން ޤައުމުތަކުގެ ސިޔާސަތުތަކާއި ފިކުރަށް ތަބާ ނުވާނެ ކަމަށް އަލްބަނީސް ވިދާޅުވިއެވެ. ޤައުމު ހިންގާނީ އަމިއްލައަށް ކަމަށާއި އެހެން ބައެއްގެ މައްޗަށް ބަރޯސާވެގެން ނޫންކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އަލްބަނީސް ވެރިކަމުގެ އިތުރު ދައުރެއް ކާމިޔާބު ކުރައްވާފައި ވަނީ އޮސްޓްރޭލިއާގައި ދިރިއުޅުމުގެ އަގުބޮޑުވުމާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.