ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންނަށް ދައުވާ ކުރާނެ މުއްދަތު ކަނޑައެޅުމަށް ދައުލަތުން ސުޕްރީމް ކޯޓަށް

ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންނަށް ދައުވާ ކުރާނެ މުއްދަތު ކަނޑައެޅުމަށް ދައުލަތުން ސުޕްރީމް ކޯޓަށް

Author
ހުސައިން
04 މެއި 2025 12:44
0

ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންނަށް ދައުވާ ކުރަންޖެހޭ މުއްދަތު ކަނޑައެޅުމުގެ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިއީ ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންގެ މައްޗަށް 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަންޖެހޭއިރު، އެ މުއްދަތު ގުނާނެ ގޮތް މާނަކުރުމަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ހުށަހެޅުމަށް މެދުވެރިވީ، ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންނަށް ދައުވާ ކުރުމުގައި ދައުލަތުން މުއްދަތު ގުނި ގޮތާ ގުޅިގެން ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ދެ މީހެއްގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމުންނެވެ. މި ނިންމުމަށް ހައިކޯޓުން ތާއީދު ކުރުމަކީ ދައުލަތަށް ސުޕްރީމް ކޯޓަށް ދިއުމަށް މަގުފަހި ކުރި ކަމަކަށް ވިއެވެ.

ސުޕްރީމް ކޯޓުގައި ދައްކާ ވާހަކައިގައި ދައުލަތުން ބުނީ، މުއްދަތު ގުނާނެ ގޮތާމެދު ސުވާލު އުފެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ ކުރިން އޮތް ގޮތުން ކަމަށެވެ. މިހާރު އެ މާއްދާ އިސްލާހު ކޮށްފައިވާތީ، ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލައެއް ދިމާނުވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ދޫކޮށްލައިފިނަމަ، ނުވަތަ ފުލުހުން ބަންދުން ދޫކޮށްލައިފިނަމަ، ދޫކޮށްލާތާ 45 ދުވަހުގެ ތެރޭގައި މައްސަލަ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

ސުވާލު އުފެދިފައިވާ މައިގަނޑު ކަމަކީ ފުލުހުން ބަންދުން ދޫކޮށްލާތާ 45 ދުވަސް ގުނާނީ ކިހިނެއްތޯ މިހުރި ކަމަށް ދައުލަތުން ފާހަގަކުރެއެވެ. އަދި ފުލުހުން ބަންދުން ދޫކޮށްލުމުގެ މާނައަކީ ކޮބައިކަން ސާފުކުރުމާއި، އެ ދޫކޮށްލުން ފެށިގެން 45 ދުވަސް ގުނާނެ ގޮތް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ އިރުޝާދު ބޭނުންވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި ދެ ނުކުތާއެއް އިސްތިއުނާފު ކޮށްފައިވެއެވެ. ފުރަތަމަ ނުކުތާއަކީ މި މައްސަލައިގައި އިސްތިއުނާފީ އޮޅުމެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ކޯޓުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ މި ދެ މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ދެކޭ ނުކުތާއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ބޭނުމަކީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ގެންނަ ލިމިޓޭޝަންތަކެއް ކަމަށެވެ. މިސާލަކަށް، މީހަކު 15 ދުވަހަށް ބަންދުކުރުމަށްފަހު 5 ވަނަ ދުވަހު ފުލުހުން ދޫކޮށްލައިފިނަމަ، 45 ދުވަސް ގުނަން ފަށާނީ ދޫކޮށްލި ދުވަހުން ފެށިގެން ކަމަށް ވަކީލު ބުންޏެވެ.

ދައުލަތުން އެދެނީ ހައިކޯޓުން މި ދެ މައްސަލައިގެ އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވަނީ ކޯޓުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މި މައްސަލަތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފައިވާ މައްސަލަތައްކަމުގައި ކަނޑައަޅާފައިވާ ނިންމުން ބާޠިލުކޮށް، ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލަތައް ކަމުގައި ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އައިޝަތު ސުޖޫން، ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އައިޝަތު ސުޖޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.