ވަޅިއެއް ގެންގުޅުނު މީހަކު މަސްދުވަހާ 20 ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި

ވަޅިއެއް ގެންގުޅުނު މީހަކު މަސްދުވަހާ 20 ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި

Author
ހުސައިން
03 މެއި 2025 04:32
0

ސައިކަލެއްގެ ކުރީ ކަވަރު ތެރެއަށް ނުވަ އިންޗީގެ ވަޅިއެއް ޖަހައިގެން އުޅުނު މީހަކު މަސްދުވަހާ 20 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ލ. ގަން ތުނޑި، ހުރަވީގޭ މާތިއު މުހައްމަދު ޝަކީބެވެ. 2022ވަނަ އަހަރު މާލޭ ކުޑަހެންވޭރު ދަނޑު ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލެއްގައި އޭނާ ދާން އުޅުމުގެ ތެރޭގައި ފުލުހުން ފެނިގެން ބިރުގަނެ، ސައިކަލަށް ނާރައި ދާން އުޅުނު ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ފުލުހުން އޭނާގެ ކައިރިއަށް ދިޔުމުން އޭނާ އުޅުނީ އެއްޗެއް ފޮރުވަން ކަމަށް ޝައްކު ކުރެވިގެން ބަލައިފާސްކުރިއިރު، ސައިކަލުގެ ކުރީ ކަވަރު ތެރެއަށް ޖަހާފައި ހުރި ނުވަ އިންޗީގެ ވަޅިއެއް ފެނުނު ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މަގުބޫލު ސަބަބެއް ނެތި، ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުނު ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މި ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސްދުވަހާއި 12 މަސްދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މި މައްސަލައިގައި މާތިއުވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އެ އެއްބަސްވުމުގައި ކަނޑައެޅޭ އަދަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެއް މަހާއި 20 ދުވަހަށް ޖަލަށްލުމަށެވެ. އެއީ އޭނާ ބަންދުގައި ހުރި މުއްދަތު ޖަލު ހުކުމުން އުނިކުރުމުން ބާކީ އޮތް މުއްދަތު ކަމަށް ކޯޓުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް ހުކުމް ކުރެއްވީ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް އެއް މަހާއި 20 ދުވަހަށް މާތިއު ޖަލަށް ލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.