ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ކަމަށާއި އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ މިނިވަން މުއައްސަސާއެއް ކަމަށާއި ގާނޫނުގައިވާ ޒިންމާތައް އަދާކޮށް އެތަންތަނަށް މީހުން އައްޔަން ކުރި ނަމަވެސް އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލް ކުރިކަން ވެސް އެނގިވަޑައިގަތީ ފެނިވަޑައިގެން ނޫހެއްގެ ހެޑްލައިނުން ކަމަށާއި އޭގެ ކުރިން އެ ޝަރީއަތް ތާވަލްކުރި ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ވެސް އަދި އެހެން އެއްވެސް މީހެއްގެ މައްސަލައަށް ވެސް އެމަނިކުފާނު ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީން އަކީ ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ކާމިޔާބު ކޮށް ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑު، ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.
"އެމަނިކުފާނު މިނިވަން ވެފައި އެހުރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށް ލާފަ ހުރީ، ސިޔާސީ ނުފޫޒު ނުފޯރުވާތީ މިނިވަންކަމާއެކީ ކުރި ހުކުމަކުން އެހުރީ މިނިވަން ވެފައި" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން މުއިއްޒު މިއަދުވެސް ވަނީ ޔާމީން ޖަލަށް ލީ ސިޔާސީ ދައުވާތަކެއްގައި ކަމަށް ވިދާޅުވެފައެވެ. މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުވުމާއެކު ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތްޕުޅު ފެއްޓެވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރ. ފުއްގިރިގެ މައްސަލައިގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ މާލޭގެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ނުދޭން ނިންމާފައެވެ. މި ދެ ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމުތައް ލިބިފައިވާއިރު، އެކަމުގެ ސަބަބުން ހެކިބަސް ނުދޭކަން އިންކާރު ކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ނުފޫޒެއް ނުވާނެ ކަމަށެވެ.
ޖުޑިޝަރީއަށް ވެސް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ޒަމީރު އެއްވެސް ގޮތަކަށް އެކަން އަމަލުކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާ މީހަކު ކޮންމެ ފަދަ ހެއްކެއް ދެއްކިއަސް ގަބޫލެއް ނުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ. މި މައްސަލައިގައި 10 މަސް ފަހުން ކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އެ ދުވަހު ޔާމީންގެ ފަރާތުން ހެކިން ހެކިބަސް ދިނުން އޮތް އިރު ނަރީޝް އާއި ޝުއާއު ހެކިބަސް ނުދޭން ނިންމުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހެކި ބަސް ދިނުން އަންނަ މަހަށް ތާވަލްކޮށްފައެވެ.
ކޮމެންޓު ފޮނުވާ