ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ޚަރަދުތައް ގާނޫނަކުން ކަނޑައަޅަނީ

ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ޚަރަދުތައް ގާނޫނަކުން ކަނޑައަޅަނީ

Author
ހުސައިން
03 މެއި 2025 04:20
0

ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރެވޭނެ އަދަދާއި، ބަޖެޓުން އެފަރާތްތަކަށް ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާފައިވާ ހުރިހާ ބޭފުޅުންނަކީ ވެސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ބޭނުންތެރި ބޭފުޅުން ކަމަށެވެ. ބޭކާރު އެއްވެސް މުވައްޒަފަކު އެއްވެސް ތަނަކަށް އައްޔަނުކުރައްވާފައި ނުވާނެ ކަމަށް ރައީސް ދެއްވި ޔަގީންކަމުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް ހާމައެއް ނުކުރައްވައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ގާނޫނުތަކަށް ގެނައުމަށް ނިންމާފައިވާ އިތުރު ކަންކަންވެސް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށްވެސް ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.