އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ މިއަހަރު ތެރޭގައި ގާއިމުކޮށް ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދެ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫއެއް ރޭވިފައިވާ ކަމަށެވެ.
"ކުރިއަށް އޮތް 10 އަހަރު ދުވަހަށްވާ ވަރުގެ ކެޕޭސިޓީ، އައްޑޫސިޓީ އަދި ފުވައްމުލަކުގައި ގާއިމުކުރުމަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ ގާއިމުކުރުމަށް މިހާރު ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ މި މަޝްރޫއު ކުރިއަށް އޮތް ހަ މަސްދުވަސްތެރޭ އަޅުގަނޑުމެން ނިންމާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ދެ ސިޓީގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރެވޭނީ ދަތިކަމެއް ނެތި ކަރަންޓް އުފެއްދޭ މިންވަރަށެވެ. އަދި މި މަޝްރޫޢު ރޭވިފައިވަނީ ދެ ސިޓީގައި ޓޫރިޒަމް ފުޅާވަމުން އަންނަ މިންވަރަށް ވެސް ރިއާޔަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިދިޔަ އަހަރުގެ އޭޕްރިލް 18 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ 32 މެގަވޮޓްގެ ޕަވަ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.
ފެނަކައިން ބުނެފައިވަނީ މި މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެކަމަށެވެ. އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގުޅިފައިވާ ހަތަރު އަވަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދި، ލޯޑު ބޮޑުވެ، ކަރަންޓް ކެނޑޭ މައްސަލައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް މި ޚިދުމަތް ފޯރުކޮށްދޭން. އެހެންވީމާ، މި މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ