ސަރުކާރު ތާށިކުރުމަށް ގަސްދުގައި ބޭސް ގެނައުން ބައެއް ވިޔަފާރިވެރިން ހުއްޓާލި: ރައީސް

ސަރުކާރު ތާށިކުރުމަށް ގަސްދުގައި ބޭސް ގެނައުން ބައެއް ވިޔަފާރިވެރިން ހުއްޓާލި: ރައީސް

Author
ހުސައިން
03 މެއި 2025 01:07
0

ރާއްޖޭގައި ބައެއް ބޭސް ލިބުން ދަތިވެފައިވަނީ އެ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ނިންމުމުން، ވިޔަފާރިވެރިން ސަރުކާރު ތާށިކުރުމަށް ގަސްދުގައި ބޭސް ގެނައުން ހުއްޓާލާފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ނިޒާމު އިސްލާހުކުރުމަށް ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްދުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލާފައިވާ ކަމަށެވެ.

"އާސަންދައިގެ ތެރެއިން މި ލާރި ޕްރައިވެޓް ކުންފުނިތަކަށް މި ލިބެނީ. ކިހާ ބޮޑު އިސްރާފެއްތޯ. އެހާ ބޮޑު ޕަސެންޓޭޖެއް. ސެވަރަލް ހަންޑްރެޑުން ގޮސް، ވަން، ޓޫ ތައުޒަންޑް ޕަސެންޓް ޕްރޮފިޓް އާސަންދަ ތެރެއިން ނަގަން ފެށުނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ބައެއް ކުންފުނިތަކުން އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސަންޓުން ފައިދާ ނަގަމުން ގޮސްފައިވާ ކަމަށާއި، ބޭސް އެތެރެކުރާ ބައެއް ވިޔަފާރިވެރިން ގަސްދުގައި ބޭސް ގެނައުން ހުއްޓާލީ ސަރުކާރު ތާށިކޮށްލުމަށް ކަމަށެވެ.

އެހެންނަމަވެސް މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ބޭހުގެ އެޕްރޫވްޑް ލިސްޓުގައި ހިމެނޭ 1207 ޖެނެރިކް ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯއިން މިހާރު ލިބެން ހުރިކަމަށާއި، އަސާސީ ބޭހުގެ ތެރެއިން 10 ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓީއޯއިން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭ އިން ފެށިގެން އަމަލުކުރަން ފަށާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.