މިއަހަރާއި އަންނަ އަހަރު ސަރުކާރުން ޖުމުލަ 2130 މަޝްރޫއު ހިންގުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިޔަށް ގެންދަވާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ރައްޔިތުންނަށް ދެއްވި ވައުދުތައް ފުއްދެވުމުގެ ގޮތުން ކުރިއަށް ގެންދަވާ މަޝްރޫއުތަކެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކުޅިވަރު ދާއިރާއާ ގުޅޭ 551 މަޝްރޫއެވެ. ދެން އެންމެ ގިނައީ ކުނީގެ ނިޒާމާ ގުޅޭ މަޝްރޫއުތަކެވެ. މީގެ އިތުރުން ސިއްޙަތާ ގުޅޭ 131 މަޝްރޫއަކާއި ސްކޫލުތަކުގެ 141 މަޝްރޫއެއް ހިމެނެއެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން 37 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ 42 މަޝްރޫއެއް ވެސް މި ޕްލޭނުގައި ހިމެނެއެވެ.
"މި ވައުދުތައް ފުއްދަން ރާވާފައި އޮތް ގޮތް މިއީ. މި ޕްލޭނާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރިއަށް ގެންދާނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ