މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އިމާރާތަކުން ވެއްޓުނު ޒުވާން އަންހެން ކުއްޖަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވުމަށް ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ މުޒާހަރާކުރާ ޒުވާނުންނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށާއި އެމީހުންނަށް "މޯރަލް ސަޕޯޓް" ދިނުމަށް ޒުވާނުންގެ ފަރާތުން އެދިފައިވާތީކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީ މި މުޒާހަރާތަކާ ގުޅިފައިވަނީ، ފުލުހުން ބާރުގެ ބޭނުންކޮށްގެން ޒުވާނުންގެ އެއްވުން ރޫޅާލައި، ބައެއް ޒުވާނުން ހައްޔަރުކުރުމަށްފަހުގައެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވަނީ ޒުވާނުންގެ މުޒާހަރާތަކާ ދެކޮޅަށް ފުލުހުންނާއި ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން އެމްޑީޕީ އެކަމާ ކަންބޮޑުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އެކަމާ ކަންބޮޑުނުވެ ތިބެވޭކަށް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދެއްކި ހުރިހާ މެންބަރުންހެން ވަނީ ޒުވާނުންގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ޢަމަލުކުރިގޮތް ކުށްވެރިކޮށްފައެވެ. މުޒާހަރާ ރޫޅާލާފައިވަނީ ޕެޕަ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ. މި ޢަމަލުގެ ސަބަބުން ބައެއް ފުލުހުންނާއި އާންމު ރައްޔިތުންނަށްވެސް އަނިޔާވެފައިވެއެވެ.
ފުލުހުންގެ ބުނެފައިވަނީ، މުޒާހަރާ ރޫޅާލާފައިވަނީ ކިޔަވާ ކުދިންނާއި ވިޔަފާރިކުރާ މީހުންގެ ޙައްޤުގައި، މުޒާހަރާކުރާ ޒުވާނުންނަށް އެތައް ފަހަރަކު ނަސޭހަތްތެރިވުމަށްފަހުގައި ކަމުގައެވެ.
ކޮމެންޓު ފޮނުވާ