ރާއްޖެ އަދިވެސް އޮތީ ނޫސްވެރިކަން ކުރުމުގައި ދަތިތައް ހުރި ގައުމުތަކުގެ ތެރޭގައި

ރާއްޖެ އަދިވެސް އޮތީ ނޫސްވެރިކަން ކުރުމުގައި ދަތިތައް ހުރި ގައުމުތަކުގެ ތެރޭގައި

Author
ހުސައިން
02 މެއި 2025 09:31
0

"ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު ޝާއިޢުކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ދިވެހިރާއްޖެ މިއަހަރު ދެ ދަރަޖަ ކުރިއަށް ޖެހި، 104 ވަނަ ގައި ހިމެނިފައިވެއެވެ. މާދަމާ ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ނެރެފައިވާ މި އިންޑެކްސްގައި ރާއްޖެ މިއަހަރު ވަނީ 52.46 ޕޮއިންޓާއެކު ކުރިއަށް ގޮސްފައެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ 106 ވަނަ ގައި ކަމަށާއި، އެއީވެސް 52.46 ޕޮއިންޓާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ޕޮއިންޓުގެ ގޮތުން މާބޮޑު ފަރަގެއް އައިސްފައެއް ނުވެއެވެ. މިގޮތުން، ކުރީގެ އަހަރުތަކެކޭ އެއްފަދައިން ރާއްޖެ އަދިވެސް އޮތީ ނޫސްވެރިކަން ކުރުމުގައި ދަތިތައް ހުރި ގައުމުތަކުގެ ތެރޭގައެވެ.

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ 2023 އިން ފެށިގެން ފަހަތަށް ޖެހެމުން ގޮސްފައެވެ. ނޫސްވެރިކަން ކުރުމުގައި ދަތިތައް ހުރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ ޖެނުއަރީ 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހެއްކާބެހޭ ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެންނެވެ. އޭރު ގެނެވުނު ބަދަލަކީ ނޫސްވެރިންގެ ލިޔުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ ގޮތަށް ގެނެވުނު ބަދަލެކެވެ.

އާރުއެސްއެފުން ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން މިނިވަން މީޑިއާތަކަށް ޕްރެޝަރު ކުރުމަށް ބޭނުންކުރެވުނު އަބުރުގެ ގާނޫނު ގެ ފަހުން އައި ސަރުކާރުން އުވާލި ނަމަވެސް، ހެއްކާބެހޭ ގާނޫނަށް ގެނެވުނު އިސްލާޙުތައް ބާޠިލްކޮށްފައި ނުވާތީ، ރާއްޖޭގައި ނޫސްވެރިކަން ކުރުމުގައި ހުރަސްތައް އަދިވެސް ދެމި އޮތްކަމަށް ބުނެފައިވެއެވެ.

މިގޮތުން، ހެއްކާބެހޭ ބިލުގައި ބަޔާންކުރާ، މަޢުލޫމާތު ދިން ފަރާތްތައް ހާމަކުރަން ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާޙު ބާޠިލްނުކުރުން ހިމެނެއެވެ. އިތުރުން، ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން މީޑިއާ ކޮމިޝަނެއް އުފެއްދުމަށް އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލު މިދިޔަ އަހަރުގެ ފަހުކޮޅު އަނބުރާ ގެންދެވުނީ ޢާންމުންގެ ފަރާތުން ކުރެވުނު ޕްރެޝަރުގެ ސަބަބުންކަމަށްވެސް އާރުއެސްއެފުން ފާހަގަކޮށްފައިވެއެވެ.

"ރިޕޯޓާސް ވިތައުޓް ބޯޑާސް" ގެ މިއަހަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2018 އިން ފެށިގެން ސަރުކާރުން ދަނީ މީޑިއާތަކުގެ މާލީ މިނިވަންކަމަށް ނުފޫޒު ފޯރުވަމުންނެވެ. އެހެންކަމުން، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ޤާއިމްކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.