ޖީލަކަށް ދުންފަތް މަނާކުރުމަށްޓަކައި "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް" ގެންނަން ބޭނުންވާ އިޞްލާޙުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހުޅުވާލައިފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިހާރު ދިރާސާކުރުމަށް މަޖިލީހުން ޚާއްޞަ ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. މި ބިލަކީ ކެބިނެޓުން ފާސްކޮށްފައިވާ، "ޖީލަކަށް ދުންފަތް މަނާކުރުމުގެ" ސިޔާސަތު ތަންފީޒުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މަޖިލީހުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލާ ގުޅޭގޮތުން ޚިޔާލު ފާޅުކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
މި އިޞްލާޙުގެ ދަށުން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުންކުރުން މަނާވާނެއެވެ. އަދި މީގެ އިތުރުން، އުމުރުން 21 އަހަރު ނުފުރޭ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމުގެ އިތުރުން، 21 އަހަރު ނުފުރޭ މީހަކު ދުންފަތުގެ އުފެއްދުންތައް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ އެފަދަ ވިޔަފާރި މުޢާމަލާތެއްގައި ބައިވެރިވުން ވެސް މަނާވާނެއެވެ.
ކޮމެންޓު ފޮނުވާ