ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓި، މެލޭޝިއާގައި ފަރުވާ ހޯދަމުންދާ ހައްވާ ޔުމްނު ރަޝީދު (21) ގެ ޙާލަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް ޔުމްނުގެ އާއިލާއިން މިއަދު ހާމަކޮށްފިއެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދޭ މުޙައްމަދު މުއުމިން އިޖުތިމާޢީ ވިއުގަ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޔުމްނުގެ ފަރާތުން ފެންނަމުންދާ ކުރިއެރުމަކީ އަނދިރި ދުވަސްތަކެއްގެ ފަހުން ލިބުނު ކުޑަ އަލިކަމެއް ކަމަށެވެ.
"ޔުމްނު ވަނީ އެއްވެސް މީހަކު ތަޙައްމަލުކުރަންޖެހޭ ވަރަށްވުރެ ގިނަ ކަންތައްތަކެއް ތަޙައްމަލުކޮށްފައި. ނަމަވެސް އަދިވެސް އަންނަނީ ހަނގުރާމަ ކުރަމުން. އިރާދަކުރެއްވިއްޔާ މިކަމުން އޭނާ އަރައިގަންނާނެ" ކަމަށް މުއުމިން ބުނެފައިވެއެވެ.
މިމަހުގެ 18 ވަނަ ދުވަހު ޔުމްނުއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި، އިއްޔެ ކުރެވުނު ސާޖަރީ ވަރަށް ކާމިޔާބު ކަމަށް ޔުމްނުގެ އާއިލާއިން ހާމަކޮށްފައިވެއެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން، އެރޭ އޭނާއާއެކު ހުރި ރައުދު އަޙްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ ޔުމްނު ވެއްޓުމުގެ ކުރިން ޔުމްނުއާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރައުދު އިޢުތިރާފްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއަށް ފަހު ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލުކުރުމުން، ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައުދު މި ވާހަކަތައް ކާކާ ޙިއްސާކޮށްފައިވަނީ ކަމެއް ފުލުހުން އަދި ސާފުކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މި މައްސަލައިގައި ތަޙުޤީޤު އިތުރަށް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ