މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާކަމަށް ޔުމްނުގެ އާއިލާއިން ބުނެފިއެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދޭ މުޙައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރިޔާސީ ކޮމިޝަން އުފެއްދީ އާއިލާއާ މަޝްވަރާކުރުމަކާ ނުލައި ކަމަށެވެ. އަދި ކޮމިޝަން މެދުވެރިކޮށް ޔުމްނުއަށް އިންސާފު ލިބިދާނެކަމަށް އިތުބާރު ނުކުރާ ކަމަށްވެސް އޭނާ ހާމަކުރިއެވެ. ނަމަވެސް، ޔުމްނުއަށް އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އާއިލާއިން ދެމިތިބޭނެކަމަށް މުއުމިން ބުނެފައިވެއެވެ.
މިވަގުތު ޔުމްނު ވަނީ ލިބިފައިވާ އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް މެލޭޝިއާގައެވެ. އޭނާގެ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އިއްޔެ ކުރި ސާޖަރީ ވަރަށް ކާމިޔާބުކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު، ޔުމްނުގެ އާއިލާއިން ބުނެފައިވަނީ، މިފަދަ ނުރައްކާތެރި އޮޕަރޭޝަނެއް ދެން އޭނާ ކުރަން ނުޖެހޭނެކަމަށެވެ. އަދި ހުރިހާކަމެއް ރަނގަޅަށްދާނަމަ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔުމްނުއަށް އިށީނދެ އިނދެވޭނެކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަޙްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ރައުދު ބުނެފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހާދިސާއަށްފަހު މާގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލުކުރުމުން، ވީތަނެއް ނޭނގޭކަމަށާއި ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނެފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކަށްކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ