ޔުމްނުގެ ފުރަތަމަ ސާޖަރީ ކާމިޔާބު

ޔުމްނުގެ ފުރަތަމަ ސާޖަރީ ކާމިޔާބު

Author
ހުސައިން
30 އޭޕްރިލް 2025 09:04
0

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ ވަރަށް ނާޒުކު ސާޖަރީއެއް މިއަދު ކާމިޔާބުކޮށް ނިންމާލައިފިކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން މީސް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވާ ގޮތުން، އިއްޔެ މެންދުރުފަހު 3:00 ގައި ފެށުނު ސާޖަރީ ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދެމިގެން ގޮސްފައިވެއެވެ. އަދި ސާޖަރީ ނިމުމާއެކު ޔުމްނު ވަނީ އިންޓެންސިވް ކެއަރ ޔުނިޓަށް (އައިސީޔޫ) ބަދަލުކޮށްފައެވެ.

މުއުމިން ހާމަކުރި ގޮތުގައި މި ސާޖަރީގައި ޔުމްނުގެ ކަނދުރާގެ ތިރީބައިގައިވާ ސްޕައިން ކަށިގަނޑުގެ ސީ7 ގައި ހުރި ފްރެގްމެންޓެޑް ފްރެކްޗަރއަށް ފަރުވާ ދީފައިވެއެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިއީ ޔުމްނު ކުރިމަތިލާންޖެހުނު އެންމެ ނުރައްކާތެރި ސާޖަރީ ކަމަށާއި، މިފަދަ އިތުރު ސާޖަރީއެއް ކުރިއަށް އޮތްތަނުގައި ނުހަދާނެއެވެ.

"އަހަރެން ވާހަކަ ދެއްކިން ޑޮކްޓަރާއި. ހުރިހާ ކަމެއް ވެސް ދިޔައީ ރޭވިފައި އޮތް ގޮތަށް. މިއަދުގެ ސާޖަރީއަކީ ސީ7 ގައި ފްރެގްމެންޓެޑް ފްރެކްޗާއަށް ފަރުވާ ދިން. މިއީ އޭނާއަށް ކުރިމަތިލާން ޖެހުނު އެންމެ ކްރިޓިކަލް އަދި ނުރައްކާތެރި ސާޖަރީ. މިކަހަލަ އިތުރު ސާޖަރީއެއް ދެން ކުރިއަށް ނޯންނާނެ، ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެނަމަ ނާނާއަށް ދުވަސްކޮޅަކުން ތެދުވެވިދާނެ." މުއުމިން މީސް މީޑިއާގައި ބުނެފައިވެއެވެ.

ޔުމްނުގެ އާއިލާއިން ވަނީ އެންމެންގެ ހެޔޮ ދުޢާތަކުގައި ޔުމްނު ހިމަނައިދިނުމަށް އެދިފައެވެ.

ހ. މިޓާޒްގޭގެ ފުރާޅު މަތީގައި ޔުމްނު ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުއެވެ. އެ ހާދިސާ ހިނގިތާ ހަފްތާއެއްފަހުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އިތުރު ފަރުވާއަށްޓަކައި ޔުމްނު ވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މެލޭޝިޔާއަށް ގެންދިޔައިރުވެސް ޔުމްނުގެ ހާލަތު ސީރިއަސްކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.