ފިނޭންސް މިނިސްޓްރީގެ ފަރާތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފުރަތަމަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް 224 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ޖުމްލަ 709 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް ލިބިފައިވަނީ އޭގެ 32 ޕަސެންޓެވެ. އެހެންކަމުން އަދިވެސް ލިބެންޖެހޭ 68 ޕަސެންޓުގެ ޑިވިޑެންޑް ކުންފުނިތަކުން ލިބެން އެބައޮތެވެ.
ވޭތުވެދިޔަ އަހަރު އެސްއޯއީތަކުން 786 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 572 މިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި އަދަދުގެ 70 ޕަސެންޓެވެ. މީގެ ކުރީ އަހަރު ވެސް ލިބިފައިވަނީ ލަފާކުރި އަދަދުގެ 65 ޕަސެންޓާ ގާތްކުރާ މިންވަރެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައިވެސް ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައިވާ އަދަދު އަހަރު ނިމޭއިރު ލިބިފައެއް ނުވެއެވެ. އަދި އެސްއޯއީތަކުން ލިބޭނެކަމަށް ލަފާކުރާ އަދަދުވެސް އަހަރުން އަހަރަށް ދަށަށް ގޮސްފައިވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ގިނަ އެސްއޯއީތަކުން ފައިދާ ނުވުމެވެ. ސަރުކާރު ހިއްސާވާ 30 ކުންފުންޏެއް ހުރިއިރު، އޭގެ ތެރެއިން ފައިދާ ލިބެނީ 10 ވަރަކަށް ކުންފުންޏަކުންނެވެ.
މިއަހަރުގެ މިހާތަނަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންވެސްޓްމެންޓް އަދި ލޯނުގެ ގޮތުގައި ދައުލަތުން 700 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ