ފިލިޕީންސްގެ އެއަރވޯކްސް އޭވިއޭޝަން އެކަޑަމީގައި ޕައިލެޓްކަމުގެ ތަމްރީން ފުރިހަމަކުރަމުންދިޔަ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި އަނިޔާވި ހާދިސާއާ ގުޅިގެން، އެ ދަރިވަރުގެ ބޭސްފަރުވާގެ އެންމެހައި ޚަރަދުތައް އެ އެކަޑަމީން ދައްކަމުންދާ ކަމަށް އެ ފަރާތުން ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ.
އެއަރވޯކްސް އޭވިއޭޝަން އެކަޑަމީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަނިޔާވި ދަރިވަރަށް ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމަކާއެކު، އިތުރު އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދެއެވެ. "އަޅުގަނޑުމެން މި ތިބީ މިކަމުގައި ދަރިވަރާއި އާއިލާއާއެކު ސާބިތުވެ، އާއްމު ދިރިއުޅުމަކަށް ދަރިވަރު އިޔާދަވުމަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން" ކަމަށް އެކަޑަމީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެކަޑަމީގެ ފަރާތުން އިތުރަށް ބުނެފައިވަނީ، ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެ ފަރާތުން ޚާއްޞަ އިސްކަމެއް ދީގެން ބަލަހައްޓަމުން އަންނަ ކަމެއް ކަމަށެވެ. މި ހާދިސާއަކީ ކަންބޮޑުވުން އޮތް ކަމެއްކަމަށް ބުނެ، މައްސަލަ ރަނގަޅަށް ތަޙުޤީޤުކުރުމަށްޓަކައި އެކަޑަމީގެ އަމިއްލަ އިސްނެގުމުގެ މަތިން ތިން ދުވަހުގެ މުއްދަތަށް ފްލައިޓް އޮޕަރޭޝަންތައް މެދުކަނޑާލެވުނެވެ. މިކަމުގެ ސަބަބުން ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ފުލުހުންނަށް އެއްވެސް ހުރަހަކާ ނުލައި އެކަޑަމީގެ ހުރިހާ އިމާރާތްތަކާއި ވަސީލަތްތައް ބަލައި ފާސްކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.
އެއަރވޯކްސް އެކަޑަމީން ދިވެހިންނަށް އަމާޒުކޮށް ބުނެފައިވަނީ، ފާއިތުވި އަހަރުތަކުގައި އެ ތަނުން ގިނަ އަދަދެއްގެ ޕައިލެޓުން ތަމްރީނުކޮށްފައިވާ ކަމަށާއި، މިހާރު އެ ފަރާތްތައް އެކި އެއަރލައިންތަކުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނަކީ އެއަރވޯކްސްގެ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި، ދިވެހިންގެ އިތުބާރަށް އަބަދުވެސް ޝުކުރު އަދާކުރާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މެކްޓަން ސީބޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި މި މަހުގެ 12 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ