މިސްކިތް ބިނާކުރުމަށް ސަދަގާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ލައްކައާއި ގާތަށް!

މިސްކިތް ބިނާކުރުމަށް ސަދަގާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ލައްކައާއި ގާތަށް!

Author
ހުސައިން
17 އޭޕްރިލް 2025 09:10
0

ދިވެހިރާއްޖޭގައި މިސްކިތް ބިނާކުރުމަށް ސަދަގާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ލައްކައާ ގާތްވެފައިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީ 17 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ހެޔޮކަންކަމަށް ހޭދަކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް 'ވާރުޕޭ' މެދުވެރިކޮށް ފައިސާ ދެއްކޭނެ ފުރުޞަތު ހުޅުވާލާފައެވެ. މި ޕޯޓަލް ތަޢާރަފްކުރުމާއެކު، މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާކުރުމާއި، ޤުރުއާން ކްލާސްތަކާއި ލައިބްރަރީތައް ޤާއިމްކުރުން ފަދަ މުހިންމު ކަންކަން ކުރުމަށް އެހީތެރިވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މިނިސްޓަރު ޝަހީމް އާންމުކުރެއްވި ތަފްސީލުތަކުގެ މަތިން، މިސްކިތްތައް ބިނާކުރުމަށް މިހާތަނަށް 91,375.35 ރުފިޔާ ސަދަގާތުގެ ގޮތުގައި ލިބިފައިވާކަން އެނގެއެވެ. އަދި މިސްކިތްތައް މަރާމާތުކުރުމަށް އެހީވާ ބަޔަށް މިހާތަނަށް 18,330.95 ރުފިޔާ ލިބިފައިވާކަންވެސް ހިސާބުތަކުން ދައްކައެވެ.

އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑަށް ފައިސާ ލިބިފައިވާ މިންވަރަށް ބަލާއިރު، ފައިސާއިން ވަގުފުކުރި އަދަދަކީ 11,053.60 ރުފިޔާއެވެ. މީގެއިތުރުން، ހައިރާތުގެ ގޮތުގައި 29,450.00 ރުފިޔާ އަދި ސަދަގާތުގެ ގޮތުގައި 79,098.50 ރުފިޔާ ލިބިފައިވެއެވެ. އަދި ޤުރުއާން މަރުކަޒު ހެދުމަށް 16,319.00 ރުފިޔާ ލިބިފައިވާކަންވެސް ފާހަގަކުރެވެއެވެ.

މީގެކުރިން، މިސްކިތް އަޅަން ކޮންމެ ދިވެއްސެއްގެ އަތުން 1,000 ރުފިޔާ ނެގުމުގެ ކެމްޕޭނެއް ފެށުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.