ކުށުގެ ވެށްޓަށް ހުށަހެޅޭ ނުވަތަ ހުށަހެޅިދާނެ ކުޑަކުދިންނަށް ދާއިމީ ހައްލެއް ހޯދުމަކީ މިއަދުގެ ސަރުކާރުގެ އަމާޒެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ މުޅި އިޖްތިމާއީ ގިއުގަނޑު ބަދަލުކޮށްލުމުގެ މަސައްކަތް ކަމަށެވެ.
"މި މަސައްކަތް ކާމިޔާބު މަސައްކަތެއްކަމަށް ވާ ހިސާބަކީ އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ތެރެއިން ކުށައް އަރައިގަންނަ ނުވަތަ ކުށުގެ މާހައުލަށް ވަދެދާނެކަމުގެ ރިސްކު އޮތް ކުދިންނަށް އަޅުގަނޑުމެންނަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ދުވަސް. އެދުވަހަކީ އަޅުގަނޑުމެން ބޭނުން އަދުގެ ސަރުކާރުގެ މި ޒައާމަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެންނާނެ ދުވަހެއްކަމަށްވުން," ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި މަސައްކަތުގައި ރައީސް އޮފީހުން އިސްނަންގަވައިގެން ކުރާ ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި، މި ދާއިރާއާ ގުޅުން ހުރި ވަރަށް ވިޝަނަރީ ޕްރޮޖެކްޓެއްވެސް ހިންގަން ތައްޔާރުވަމުން އަންނަ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުޑަކުއްޖަކު ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމުގެ ކުރިން އެ ކުއްޖާ އެ މާހައުލަކުން ސަލާމަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އިއްޔެ ލޯންޗްކުރެވުނު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ވެބްސައިޓުން ޖުވެނައިލް ޖަސްޓިސްއާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ފަސޭހައިން ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އާންމު މަޢުލޫމާތުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކާއި، ގާނޫނުތަކާއި ގަވާއިދުތަކާއި، މީޑިއާ ރިޕޯޓްތަކާއި، ތަފާސްހިސާބުތައް ހިމެނެއެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުވުމުން، ރާއްޖޭގެ އިޖްތިމާޢީ ގިއުގަނޑަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.