ރިޔާސީ ކެމްޕޭނުގައި ޔުކްރެއިން-ރަޝިޔާ ހަނގުރާމަ 24 ގަޑިއިރުގެ ތެރޭގައި ހައްލުކޮށްދޭނެކަމަށް ތަކުރާރުކޮށް ދެއްވި ވަޢުދަކީ "މަޖަލަކަށް" ދައްކާފައިވާ ވާހަކައެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"ފުލް މެޝަރ" ޓެލެވިޜަން ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މި ވަޢުދާއި ބެހޭގޮތުން ސުވާލު ކުރެވުނެވެ. ޓްރަމްޕްގެ ސަރުކާރުން އަދިވެސް ޔޫކުރެއިން މައްސަލައަށް ސަލާމަތީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާއިރު ދެވަނަ ދައުރު ފެށިފަހުން 54 ދުވަސް ވެއްޖެއެވެ.
"ތެދެއްމެ، އަހަރެން އެއްޗެއް ބުނިއިރު ކުޑަކޮށް "ސަމާސާ ގޮތެއް" ގެންގުޅުނިން،" އާދިއްތަ ދުވަހު ދައްކާ އެޕިސޯޑްގެ ކުރިން ދޫކޮށްފައިވާ ކްލިޕެއްގައި ޓްރަމްޕް ވިދާޅުވިއެވެ. "ތިމަންނާއަށް އަސްލު ބުނެވުނީ މިކަން ހައްލުކޮށްދޭން ބޭނުންވާ ވާހަކައޭ، އަދި އަހަރެން، އަހަރެންނަށް ހީވަނީ، އަހަރެން މިކަމުގައި ކާމިޔާބު ވާނެހެން."
ޓްރަމްޕަކީ އޮޅުވާލުމާއި ފުޅާކޮށް ދޮގު ހެދުމަށް މަޝްހޫރު ބޭފުޅެއްކަމަށް ވިއްޔާ މިއީ ވަރަށް މަދުން އޭނާ ކުރައްވާ އިއުތިރާފެކެވެ.
މޭ 2023 ގައި ސީއެންއެން ޓައުން ހޯލްގައި ޓްރަމްޕް ވިދާޅުވި: "މީހުން މަރުވަމުންދަނީ، ރަޝިޔާގެ އަދި ޔުކްރެއިންގެ. އަހަރެން ބޭނުންވަނީ މިކަން ހުއްޓުވަން. އަދި އަހަރެން އެކަން ކޮށްދޭނަން—އަހަރެން އެކަން 24 ގަޑިއިރުގެ ތެރޭގައި ކޮށްދޭނަން."
އިސްވެ ހުންނެވި ނައިބު ރައީސް ކަމަލާ ހެރިސްއާއެކު ސެޕްޓެމްބަރުގައި ބޭއްވުނު ޑިބޭޓްގައި ޓްރަމްޕް ވިދާޅުވި: "އެއީ ހައްލުކުރަން ބޭނުންވެފައިވާ ހަނގުރާމައެއް. އަހަރެން އެކަން ހައްލުކޮށްދޭނީ ރައީސްކަމަށް ހޮވުމުގެ ކުރިން. އަހަރެން ކާމިޔާބުވެގެން، ރައީސްކަމަށް އިންތިޚާބުވުމުން، އަހަރެން ކުރާނީ އެކަކާ ވާހަކަދައްކާނަން، އަނެކަކާ ވާހަކަދައްކާނަން. އެމީހުން އެއްކޮށްލާނަން."
ރިޕަބްލިކަން ކެމްޕޭނުގައި މިވާހަކަ ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
އޭނާގެ ޚާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް، މިހަފްތާގައި މޮސްކޯގައި ވަނީ އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ބައިވެރިވެފައެވެ. ޔުކްރެއިން މިހާރު ވަނީ މިކަމަށް އެއްބަސްވެފައެވެ.
އިންޓަވިއުގައި، ޓްރަމްޕާއި ސުވާލުކުރެވުނީ، މީގެ 3 އަހަރު ކުރިން ޕުޓިން ފެއްޓެވި ހަނގުރާމަ ހުއްޓުވުމަށް އޭނާ އެއްބަސްނުވާނަމަ އެއްވެސް ޕްލޭނެއް އޮތްތޯއެވެ.
"ދުނިޔެއަށް ނުބައި ޚަބަރެއް މިއީ، މިހާ ގިނަ ބަޔަކު މަރުވަމުންދާތީ." ޓްރަމްޕް ވިދާޅުވިއެވެ.
"އެކަމަކު އަހަރެންނަށް ހީވަނީ، އަހަރެންނަށް ހީވަނީ އޭނާ އެއްބަސްވާނެހެން. އަހަރެން އެކަމަށް ޤަބޫލުކުރަން. އަހަރެންނަށް ހީވަނީ އޭނާއާ ދޭތެރޭ ރަނގަޅަށް އެނގޭހެން، އަދި އަހަރެންނަށް ހީވަނީ އޭނާ އެއްބަސްވާނެހެން."