ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި 2024 ވަނަ އަހަރު ކޮމިޝަނަށް 797 މައްސަލަ ރަޖިސްޓްރީކޮށް ބަލައިގަނެފައިވެއެވެ. މިއީ 2023 ވަނަ އަހަރު ބަލައިގަތް 652 މައްސަލައާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ.
ކޮމިޝަނުން ރަޖިސްޓްރީކުރި މައްސަލަތަކުގެ ތެރެއިން ތަޙުޤީޤުކުރަން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 2024 ވަނަ އަހަރު 487 މައްސަލައެއް ތަޙުޤީޤުކުރުމަށް ނިންމާފައިވާއިރު، 2023 ވަނަ އަހަރު ތަޙުޤީޤުކުރަން ނިންމާފައިވަނީ 393 މައްސަލައެވެ.
އަހަރީ ރިޕޯޓުން ދައްކާގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ތަޙުޤީޤުކޮށް ނިންމި މައްސަލަތަކުގެ އަދަދު ވަނީ މަދުވެފައެވެ. 2023 ވަނަ އަހަރު 524 މައްސަލައެއް ތަޙުޤީޤުކޮށް ނިންމިއިރު، 2024 ވަނަ އަހަރު ތަޙުޤީޤުކޮށް ނިންމާފައިވަނީ 309 މައްސަލައެވެ.
އެޗްއާރްސީއެމް އިން ތަޙުޤީޤުކުރަން ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ޞިއްޙީ ޙައްޤުތަކާ ގުޅުންހުރި 158 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ ޓޯޗަރއާ ގުޅުންހުރި 107 މައްސަލައެވެ. މީގެ އިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އެހެނިހެން ޙައްޤުތަކާ ގުޅުންހުރި 58 މައްސަލަ، އާއިލާއާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 33 މައްސަލަ، އިޖުތިމާޢީ އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ލިބިދޭ ޙައްޤުތަކާ ގުޅުންހުރި 31 މައްސަލަ ވަނީ ހުށަހެޅިފައެވެ.
އެކި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ މަދުން ހުށަހެޅިފައިވަނީ ފުލުހުންނާ ގުޅުންހުރި 19 މައްސަލައެވެ. އަދި މީގެއިތުރުން ބޯހިޔާވަހިކަމާ ގުޅުންހުރި 20 މައްސަލައާއި ބިދޭސީންނާ ގުޅުންހުރި 23 މައްސަލަވެސް ވަނީ ކޮމިޝަނަށް ހުށަހެޅިފައެވެ.