އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ރާއްޖޭގެ ފަތުވާ މަޖިލީހަށް ފާޑުކިޔައި ނެގި މިސާލެއް ރަނގަޅު ނޫން ކަމަށް ވިދާޅުވެ މައާފަށް އެދިއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންތައްތަކުގައި ފަތުވާ މަޖިލީހުން ފަތުވާ ނުނެރޭ ކަމަށެވެ. އަދި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވާ މައްސަލައިގައި ވެސް އެއްވެސް ފަތުވާއެއް ނުނެރޭ ކަމަށް ފާހަގަކުރެއްވިއެވެ. ދީނުގެ މިފަދަ މުހިންމު ކަންކަމުގައި ފަތުވާ ނުނެރެ "ހޫރައްލީނުން"ގެ ވާހަކަ ފަދަ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭތަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުންތައް އަމާޒުވެ، ދީނީ އިލްމުވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ ރޮޒައިނާ ވަނީ އޭނާއަށް ދެއްކުނު މިސާލާ ގުޅިގެން މައާފަށް އެދޭކަމުގައެވެ.
"އޮޅޭ ގޮތަކަށް އެވާހަކަ ބުނެވުނީތީ އާއި އަދި އަޅުގަނޑަށް ނެގުނު މިސާލު ރަނގަޅު ނޫން ކަމަށް ވާތީ އެކަމަށް މާފަށް އެދެން," ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ވަގުތަކީ މި ޤައުމުގައި ވަރަށް ސީރިއަސް ކަންކަން ހިނގަމުންދާ ވަގުތެއް ކަމަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަކީ ދީނީ ގޮތުން ކިހާ ގޯސް ކަމެއްކަން ވެރިންނަށް އަންގައިދިނުމަށް ފަތުވާ މަޖިލީހުން ވެސް މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ "ހޫރައްލީނުންނޭ" ކިޔާފައި ދެއްކި ވާހަކައާއެކު "ބޭކާރު" މި ލަފްޒު ގެނެވިފައިވާތީ އެކަމުގެ މާނަ ބައެއް ބޭފުޅުންނަށް އޮޅިފައިވާ ކަމަށެވެ.
"ބޭކާރޭ އަޅުގަނޑު ބުނީ މި ވަގުތާއި ޙާލަތުގައި ދައްކަން އެއަށް ވުރެން މުހިންމު މި ޙާލަތާ ގުޅޭ ދީނީ ވާހަކަ ހުރިކަން ބަޔާން ކޮށްދޭން. އެވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ބުނާކަށް ނޫން. ދީނުގެ ހުރިހާ ކަމަކީ ވެސް މުހިންމު ކަންކަމެވެ. ނަމަވެސް ވަގުތާއި ޙާލަތަށް ބަލާ އެވަގުތަކު ހިނގާ ކަމަކާ ގުޅޭގޮތުން ދީނުގައި އޮތް ގޮތް ސާފުކޮށް ދިނުމަށް ޢިލްމުވެރިން އިސްކަމެއް ދޭން ޖެހޭ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ," ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ބުނި އެއްޗެއް ނޫނެވެ. އަދި އޭނާއަކީ ދީނަށް ފުރައްސާރަ ކުރާނެ މީހެއް ވެސް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ