ފަލަސްޠީނު ގުޅޭ އޯއައިސީ ބައްދަލުވުމުގައި ބައިވެރިވުމަށް ޚާރިޖީ ވަޒީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

ފަލަސްޠީނު ގުޅޭ އޯއައިސީ ބައްދަލުވުމުގައި ބައިވެރިވުމަށް ޚާރިޖީ ވަޒީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

Author
ހުސައިން
06 މާރޗް 2025 08:43
0

ފަލަސްޠީނު ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީންގެ ފަރާތުން ކުރެވެމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މިކަން އިޢުލާންކުރެއްވިއިރު ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ "އެކްސްޓްރާއޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް" ގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މީގެއިތުރުން އެ ދަތުރުފުޅުގައި ކަމާގުޅުންހުރި އިތުރު މުހިންމު ބައްދަލުވުންތަކުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.

އޯއައިސީއަކީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމާޢަތެވެ.

އަދި ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ވަނީ ތާއީދު އަންގަވާފައެވެ. މިޞްރުގެ ހުށަހެޅުމަކީ ޣައްޒާގެ ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށް ވުމާއެކު، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން އެދޭފަދަ ދިރިއުޅުމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދިވެހިރާއްޖެއިން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖެއިން ވަނީ 1967 ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް (އީސްޓް ޖެރޫސަލަމް) އަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އަބަދުވެސް ވަކާލާތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.