1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ޒަކާތު ހައުސްއިން މިއަދު ބަލައިގަންނަން ފަށައިފިއެވެ. މިގޮތުން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
މިއަހަރުވެސް ފިޠުރު ޒަކާތް ދެއްކުމަށް ޖުމްލަ 6 ޕްލެޓްފޯމެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން ދިރާގު އެޕް އަދި ދިރާގު ޕޭ ވެބްސައިޓް، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް އެޕްލިކޭޝަން، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ފިޠުރު ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.
އަދި ޢުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ފިޠުރު ޒަކާތުގެ މިންވަރު
މިއަހަރުގެ ފިޠުރު ޒަކާތުގެ މިންވަރު ކަނޑައަޅާފައިވަނީ ހަނޑޫގެ ބާވަތްތަކާއި ފުށުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އާދައިގެ ހަނޑޫ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ 62 ރުފިޔާ، ރަތް ހަނޑޫ 86 ރުފިޔާ، އާދައިގެ ބާސްމަތީ ހަނޑޫ 74 ރުފިޔާ، މޮޅު ބާސްމަތީ ހަނޑޫ 100 ރުފިޔާ، އެންމެ މޮޅު ބާސްމަތީ ހަނޑޫ 133 ރުފިޔާ، އާދައިގެ ފުށް 10 ރުފިޔާ އަދި އާޓާ ފުށް 75 ރުފިޔާގެ މިންވަރު ކަނޑައަޅާފައިވެއެވެ.
ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކުރައްވާފައެވެ.