އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޅިން އަލަށް ރާވައި ހިންގި ނޫރުލް އަޛާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފަށް ލިބިއްޖެއެވެ. މި މުބާރާތުގެ ފައިނަލް ރައުންޑް ރޭ ބޭއްވުނުއިރު، ހޮވާލެވުނު 6 ބައިވެރިންނަށް ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމުގެ މަސައްކަތް ހަވާލުކުރެވުނެވެ.
މުބާރާތުގެ އެއްވަނަ ހޯދި ސުލައިމް މުޙައްމަދު ލަޠީފަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއް ލިބިގެންދިޔައެވެ. މި އިނާމުތައް ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މުބާރާތުގެ ދެވަނައަށް ޙަމްޒާ ބިން ހަސަން ހޮވުނުއިރު، ތިންވަނައަށް މުޙައްމަދު ހަނޫން ހުސައިން ހޮވުނެވެ. ހަތަރުވަނަ ހަނީޒް ހަނީފް، ފަސްވަނަ އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީ، އަދި ހަވަނައަށް މާޠިޢު އަޙްމަދު ނާޒިމް ހޮވުނެވެ. މި ހުރިހާ ބައިވެރިންނަށްވެސް ޓްރޮފީއާއި ހަނދާނީ ލިޔުމާއި ޙާއްސަ އިނާމުތައް ދެއްވާފައިވެއެވެ.
ނޫރުލް އަޛާން މުބާރާތަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމަށާއި، ކުދިބޮޑު އެންމެންގެ ހިތްތަކުގައި މިކަމަށް ޝައުޤުވެރިކަން އުފެއްދުމަށް އަމާޒުކޮށްގެން ބޭއްވި މުބާރާތެކެވެ. މީގެއިތުރުން، ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމާއި، ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫޙު އާލާކޮށް ދިރުވުމާއި، މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުން މި މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.