ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލަކީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ބިލެއްގެ ގޮތުގައި ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެކަން ކުރަންޖެހޭ މުއްދަތުތަކެއްވެސް ކަނޑައަޅާފައިވެއެވެ.
މި ބިލާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށެވެ. އަދި ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލުކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށްވެސް ގޮވާލައްވާފައިވެއެވެ. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށްކަމަށްވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.
ސައްތާރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށެވެ. އަދި ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ އެ ފަނޑިޔާރަކު މަޤާމަށް ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން، މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
މީގެ އިތުރުން، ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި މަޖިލީހަށް އެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި، މަޖިލީހުން އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.