މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެސްޓްހައުސްތަކުން ލިބުނު ގްރީން ޓެކްސްގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު 61 އިންސައްތަ އިތުރުވެއްޖެއެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ނެރުނު ގްރީން ފަންޑް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެސްޓްހައުސްތަކުން 7.9 މިލިއަން ރުފިޔާ ލިބުނު އިރު، އޭގެ ކުރީ އަހަރުގެ ޑިސެމްބަރުގައި ލިބިފައިވަނީ 4.9 މިލިއަން ރުފިޔާއެވެ.
ގެސްޓްހައުސްތަކުން ޑިސެމްބަރު މަހު އެންމެ ގިނަ އަދަދެއްގެ ގްރީން ޓެކްސް ލިބިފައިވަނީ ކ. އަތޮޅުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި އަތޮޅުން ފަސް މިލިއަން ރުފިޔާ ލިބުނު އިރު، ކުރީ އަހަރު ލިބިފައިވަނީ ތިން މިލިއަން ރުފިޔާއެވެ. މާލެ އަތޮޅަށް ފަހު އެންމެ ގިނަ އަދަދެއްގެ ގްރީން ޓެކްސް ލިބިފައިވަނީ އއ. އަތޮޅުންނެވެ. އެ އަތޮޅުގެ ގެސްޓްހައުސްތަކުން މިދިޔަ އަހަރު 644,125.1 ރުފިޔާ ލިބުނު އިރު، ކުރީ އަހަރު ލިބިފައިވަނީ 326,148.3 ރުފިޔާއެވެ.
މުޅި އަހަރަށް ބަލާއިރު، މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 105 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ލިބިފައިވަނީ 80 މިލިއަން ރުފިޔާއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި 796 ގެސްޓްހައުސްގައި 13,413 އެނދު ހިންގަމުންދެއެވެ.
ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުންނެވެ. މިހާތަނަށް ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ދުވާލަކަށް ހަ ޑޮލަރު ނަގަމުން ދިޔަ އިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަމުން ދިޔައީ ތިން ޑޮލަރެވެ. ނަމަވެސް މި އަހަރު ސަރުކާރުން ވަނީ މި އަދަދުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ރަށްރަށުގައި ހިންގާ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަށް ހަ ޑޮލަރު ނެގުމަށާއި، އެނޫން އެހެން ހުރިހާ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ފަތުރުވެރިންގެ އަތުން ދުވާލަކަށް 12 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ.