ފާއިތުވެދިޔަ 2020 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، ފަހުގެ ޒަމާންދަކުގައި ދުނިޔެ ކުރިމަތިލި އެންމެ ވޭންދެނިވި އަހަރު

2020: ފާއިތުވެ ދިޔައީ ވޭންދެނިވި އަހަރެއް

2020: ފާއިތުވެ ދިޔައީ ވޭންދެނިވި އަހަރެއް

ގުޅުންހުރި

2020 ވަނަ އަހަރު ފެށިގެންއައީ، އެހެން އަހަރުތަކެކޭވެސް އެއްފަދައި، ފާއިތުވެދިޔަ އަހަރުން ހާސިލް ކުރެވުނު ތަޖުރިބާތަކުގެ އަލީގައި، އެތައް ބައެއްގެ އުއްމީދުތަކާ އެކުވެ، އަލިވިގެން އައި އަހަރެއްގެ ގޮތުގައެވެ.

އަހަރެއް ފަސްމަގަށް ދޫކޮށް، އަދި އާ އަހަރަށް ކުރިމަތިލާއިރު، ވަކި ވަކި ފަރުދުންނެކޭ އެއްގޮތަށް، ގައުމުތަކުންވެސް ކުރިޔަށް ހަދާ ޕްލޭންތަކެއް ހުރެއެވެ. ކުރާ އެތަކެއް އުއްމީދުތަކެއްވެސް ހުރެއެވެ. އިގްތިސާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ގައުމާއިގެން ދަތުރު ކުރުމުގައި ދެކޭ ހުވަފެންތަކެއް ހުރެއެވެ.

މިގޮތުން ހަދާ ޕްލޭތަކާއިގެން ކުރިޔަށް ދިއުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބަލާ، އެގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ ރާވާ ރޭވުންތައްވެސް ހުރެއެވެ. އަދި މިހުރިހާ ތަދުބީރުތަކުގެ މައްޗަށް ތަގުދީރު، ހީލަހީލަ އޮންނާނެކަންވެސް އެގިތިބެމެއެވެ.

އެހެންނަމަވެސް، މިހުރިހާ ހީކުރުންތަކާއި، އަދި ކުރިމަތިވެދާނެކަމަށް ބެލެވުނު، އޭގެއިން އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރެވުނު ގޮންޖެހުންތަކަށްވުރެވެސް، އާދަޔާ ޙިލާފަށް ބޮޑު، މުޅިގައުމުގެ އިގްތިސާދު ހުއްޓުމަކަށް އައިސް، އަދި މުޅި ގައުމު މަރުތަޅެއްގެ ތެރެއަށް ހިގައިދާނެ ފަދަ އަހަރަކަށް 2020 ވަނަ އަހަރު ވެދާނެކަމަށް ހީކުރި މީހުން ވަރަށް މަދުވާނެއެވެ.

ސަބަބަކީ، އަޅުގަޑުމެންގެ މިޖީލު ދުށް އެންމެ ބޮޑު ކާރިސާ، ސުނާމީގެ ކާރިސާއިންވެސް، މުޅި ގައުމު ހުއްޓުމަކަށް އަންނަން ނުޖެހުމެވެ.

ގަރުނުގެ ބޮޑު ކާރިސާ

2019 ވަނަ އަހަރު ނިމިގެން ދިޔަ އިރު، ރާއްޖޭގެ ސިއްޙީ ނިޒާމު ދިޔައީ ވަރަށް ބޮޑުތަނުން ކުރި އަރަމުންނެވެ. ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު، ސިއްޙީ ދާއިރާ ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ، އަދި ރާއްޖެ 5 ސަރަހައްދަކަށް ބަހާލާ، ސިއްޙީ ނިޒާމު ލާމަޒީ ކުރުމަށް ކުރެއްވި ޕްލޭންތަކުގެ މަސައްކަތް، ވެރިކަމަށް އެއް އަހަރު ވެގެންދިޔައިރު، ވަނީ ފައްޓަވާފައެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމަށް އެއް އަހަރު ފުރި، އާއަހަރަކާ ސަރުކާރުން ކުރިމަތިލީ ނުހަނު ފޮނި އުއްމީދަކާ އެކީގައެވެ.

އެހެންނަމަވެސް، 2020 ވަނަ އަހަރާއި ކުރިމަތިލާ، ކުރި ހުރިހާ ފޮނި އުއްމީދުތައް ކުރިމަތިލާން ޖެހުނީ، ގަރުނުގެ ގުދުރަތީ ބޮޑު ކާރިސާއާއިއެވެ. 2020 އަހަރަށް އަލިވިލީ ބޯމައްޗަށް ބިންދާލި ކޯވިޑް19 ކާރިސާގެ ބޮޑު ރާޅާއެކީގައެވެ.

ކޯވިޑް ކާރިސާ، ޗައިނާގެ ހޮފޮޅުން ބޭރުވެ، ދުނިޔޭގެ އެތައް ގައުމުކައް ފެތުރި، އެންމެފެހުން ރާއްޖެއާއި ހަމައަށްވެސް ދަތުރު ކުރީއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް ކޭސްއެއް ފެނިވައިވަނީ މިއަހަރު އެޕްރިލް މަހު، ބައިބޯ މާލެއިން

2020 ވަނަ އަހަރު ފެށިގެން އައިއިރު، ކޯވިޑް19ގެ އެއްވެސް އަލާމާތެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި އާންމު ވެފައެއް ނުވެއެވެ. އަދި، އެއަހަރު ފެށުނުއިރު، ކޯވިޑް19 ޖައްސާ ވައިރަސް ޗައިނާގެ ވޫހާންގައި ފެތުރެން ފަށާއިފިވާކަން އެގެން ނެތްނަމަވެސް، ބަލި ފެތުރި، ފަހުން އާންމުވި މައުލޫމާތު ތަކަށް ބަލާއިރު، މިބަލި އިންސާނަކަށް ޖެހިގެން އެންމެ ފުރަތަމަ ޗައިނާގައި ރިޕޯޓު ކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭރު ކޮރޯނާ ވައިރަހުން ފަތުރާ މިބައްޔަށް ކޯވިޑް19ގެ ނަމުން ރަސްމީކޮށް ނަންދީފައެއްވެސް ނުވެއެވެ.

ޗައިނާއިން، ފަހުން ހިންގި ތަހުގީގުތަކަށް ބަލާއިރު، މިބަލީގެ އަލާމާތްތައް ފެނިގެން، ޗައިނާގެ ވޫހާން ސިޓީގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އެސިޓީގެ ހޮސްޕިޓަލްތަކަށް މީހުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި އެންމެ ކުރިން ވައިރަސް ފެތުރެންފެށުން، ހެދުނު ތަހުގީގުތަކުން ގުޅުވާލެވުނީ، ޗައިނާގެ ވޫހާން ސިޓީގައި ހިންގަމުން ދިޔަ، ދިރޭ ތަފާތު ބާވަތްތަކުގެ މަސް ވިއްކަމުން ދިޔަ އާންމުން ޒިޔާރަތްކޮށް އުޅޭ މާރުކޭޓަކާއެވެ.

ވައިރަސް ޗައިނާއިން ބޭރަށް ދަތުރުކޮށް، ޗައިނާ ނޫންގައުމެއްގައި އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ، ތައިލޭންޑުގައި، 2020 ވަނަ އަހަރުގެ އެޕްރިލް މަހުގައެވެ. އެހެންކަމުން، ކޯވިޑް19 ކާރިސާ އަކީ މިބަލީގެ ނަމުން 2019 ވަނަ އަހަރަށް ނިސްބަތްކުރެވޭ ކާރިސާއަކަށް ވި ނަމަވެސް، ދުނިޔެއަށް މި އާލަމީ ވަބާ ކުރިމަތިބެގެން ދިޔައީ 2020 ވަނަ އަހަރު ފެށުނުތަނާ ކަހަލަ ގޮތަކަށެވެ.

ޗައިނާގެ، ވޫހާންގައި ހުރި، އެއްގަމު ޖަނަވާރުގެ މަސްވިއްކާ މި މާރުކޭޓަކީ ކޯވިޑް19 ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ތަން

ކޯވިޑް19 ރާއްޖޭގެ ހަފޮޅުން އެތެރެއަށް

ދިވެހި ރާއްޖެއަކީ ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، ގުދުރަތީ ކާރިސާތަކުުން ލިބޭ ގެއްލުމުގެ ރިސްކު މުޅި ދުނިޔޭގަވެސް އެންމެ ބޮޑު ގައުމެވެ. ސަބަބަކީ، ރާއްޖެއަކީ، ގުދުރަތީ ވަސީލަތްތައް މަދު، އަދި މުޅި ގައުމުގެ އިގްތިސާދު، ވަރަށް ޟައީފު ސިނާއަތެއް ކަމުގައިވާ، ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ގައުމަކަށް ވުމެވެ.

2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދަތުރު ފަތުރު ކުރުމާއި އަދި ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ ޖީޑީޕީގެ ހިއްސާއަކީ، %66.1 އެވެ. އެހެންނަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ މިންވަރަށް ބަލާއިރު، ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރާ މިންވަރު %80 އަށްވުރެ މަތިވާނެކަމަށް އިގްތިސާދީ މާހިރުން ހިސާބު ޖައްސަވައެވެ.

ނަތީޖާއެއްގެ ގޮތުން ކޯވިޑް19 ރާއްޖޭހެ ހަފޮޅުން އެތެރެވިޔަ ނުދިނުމަށް  މިވައިރަސް ދުނިޔޭގައި ފެތުރެން ފަށައިފިކަން އެގުނު ހިސާބުން ފެށިގެންވެސް، ސަރުކާރުން ވަރަށް ބޮޑަށް ތައްޔާރުވަމުން ދިޔަ ކަމުގައިވި ނަމަވެސް، ރާއްޖޭގެ ބޯޑަރު އެކުއެކީ ބަންދުކޮށް، އަދި ފަތުރުވެރިން ރާއްޖެއަށް އެތެރެވުން މުޅީން ހުއްޓުވުމަށް ގެނައުމަށް ސަރުކާރުން ދިޔައީ ފަސްޖެހެމުންނެވެ.

އެހެންނަމަވެސް، ކޯވިޑް19 ފެތުރިގެންފި ހާލަތެއްގައި އަޅާނެ ފިޔަވަޅުތަކަށް ތައްޔާރުވެ، ފްލޫ ކްލިނިކްތައް އަޅާ، ފަރުވާދޭނެ ވަސީލަތްތައް ހަމަކޮށް، އަދި މީގެ އިތުރުން، ޓެސްޓު ކުރެވޭނެ ގާބިލްކަވެސް އިތުރުކޮށް އަދި ވަކީން ޚާއްސަކޮށް ހުޅުލޭ އެއަރޕޯޓުގައި، ސަލާމަތީ އެތަކެއް ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ.

އެހެންނަމަވެސް، މި ހުރިހާ ފިޔަވަޅު ތަކާއެކީވެސް، ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަސް ރާއްޖޭގެ ބޯޑަރުން އެތެރެނުވެ، ހިފަހައްޓާލެވޭ ވަރެއް ނުވިއެވެ.

މިގޮތުން ރާއްޖެއިން ދަތުރުކުރި ފަތުރުވެރިއެއްގެ ކިބައިން ކޯވިޑް19ގެ އަލާމާތްތަކެއް ފެނި، ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރެއްވީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 12 ވަނަ އަހަރުއެވެ.

އޭރުގެ ހެލްތު މިނިސްޓަރ އަމީން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރައްވަނީ

އަދި، ޖެހިގެން އައި އެޕްރިލް މަހުގެ 15 ވަނަ ދުވަހު އެންމެ ފުރަތަމަ ފަހަރަށް މާލެއިން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނި، މުޅި މާލެ ހިމެނޭ ސަރަހައްދު، ވިލިމާލެ އާއި ހުޅުމާލެވެސް ހިމެނޭގޮތަށް، ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމެވިއެވެ.

8.3 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއްގައި، 200،000 އަށްވުރެ ގިނަމީހުން، އެމީހުގެ ގެތަކުގައި ބަންދު ކުރަން ޖެހުނީއެވެ. މުޅި ދުނިޔޭގައިވެސް މިވަގުތު އޮތް، ތަނުގެ ބޮޑުމިނުގެ ނިސްބަތުން އެންމެ ބޮޑަށް ތޮށްޖެހިފައި އޮތް ސިޓީ ފުރަ ބަންދަކަށް ގޮސް، އުފުލަން ޖެހުނު މިވޭން އިހުސާސް ކޮށްލުމަކީ، މިޖަތުރިބާ ކޮށްފައި ނުވާ ބަޔަކަށް އިހުސާސްކޮށްލަން ފަސޭހަކަމަށް ނުވާނެކަން ކަށަވަރެވެ.

ކޯވިޑް19ގެ އަސަރު، ދިވެހި އިގްތިސާދަށާއި ދިވެހިންގެ ދިރިއުޅުމަށް ކުރީ ވަރަށް ބޮޑަށް

ކޯވިޑް19 ވެގެން ދިޔައީ 2020 ވަނަ އަހަރު، މުޅި ދުނިޔެވެސް އުފަލަންޖެހުނު ގަރުނުގެ އެންމެ ބޮޑު ވޭނަށެވެ. އިގްތިސާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި އަދި އާންމު ދިރުއުޅުމުގެ ހާލަތަށްވެސް، މި ސިއްޙީ ކާރިސާގެ އަސަރުކުރީ ވަރަށް ބޮޑަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައްވެސް، އެތައް ތަނަކުން ދަށަށް ދިޔައެވެ. އެތައް މިލިއަން ރައްޔިތުންނެއް ފުރަ ބަންދަށް ދާން ޖެހުނެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލި، މަގުމަތިވެ، ވިޔަފާރިތައް ހުއްޓި، ދިރިއުޅުން ބަގުރޫޓު ވިއެވެ. ސްކޫލުތައް ބަންދު ކުރަންޖެހި، ކުޑަކުދިންވެސް ގޭގައި ބަންދުވާންޖެހި ނަފްސާނީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ކުރިމަތި ލާންޖެހުނު ގެއްލުންތައް އަންދާޒާ ކޮށްލަންވެސް ދައްޗެވެ.

ކޯވިޑް19 ކާރިސާއާއި ގުޅިގެން، އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިގްތިސާދު 2020 ވަނަ އަހަރު %29.3 އިން ކުޑަވެގެން ދިޔައެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމުގައިވާ، ފަތުރުވެރިކަމުގެ ސިނާއަތު، 2020 އަހަރު ނިމިގެން ދިޔައިރު، %65 ދަށަށް ދާނެކަމަށް ސަރުކާރުން ލަފާކޮށްފައި ވާއިރު، މުޅި ފަތުރުވެރިކަމުގެ ސިނާއަތު ޖުމްލަކޮށް %68 ދަށަށް ދާނެކަމަށް ސަރުކާރުން ލަފާކޮށްފައި ވެއެވެ.

ނަތީޖާއަކަށް ވެގެންދިޔައީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެތައް ރިސޯޓެއް ބަންދުކޮށް، ވަޒީފާ އަދާކުރަމުން ދިޔަ އެތައްހާސް ރައްޔިތުންނެއްގެ ވަޒީފާގެއްލި، އެމުވައްޒަފުން އެބުރި އަމިއްލަ ރަށަށް ދާންޖެހުމެވެ. އަބިދަރިންގެ ގާތަށް އެބުރި ރަށަށް ދާން ފުރުސަތު ލިބުނަސްވެސް އުއްމީދުގެ އަލިކަމެއް ފެންނާން ނެތިއެވެ.

ގިނަ މުވައްޒަފުންނަށް ކުރިމަތިވެގެން ދިޔަ ހާތަލަތަކީ، މާލޭގައި ކުލި ދައްކައިގެން ތިބެވޭނޭ ހާލަތެއް ނެތި، އަބިދަރިންވެސް ރަށަށް ހިޖުރަކުރުވަން މަޖުބޫރި ވީއެވެ. ގިނަބަޔަކަށް ދިރިއުޅުމުގެ މުހުތާދުތައް ހަމަޖައްސަން ޖެހުނީ، ސަރުކާރުން ތައާރަފް ކުރެއްވި، އިންކަމް އެލަވަންސްގެ ގޮތުގައި ލިބުނު 5،000 ވަރަކަށް ރުފިޔާގެ އެހީތެރިކަމާ އެކުގައެވެ.

އަދި މިއެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކާ މިހާތަނަށް އައިއިރު ސަރުކާރުން 164.3 މިލިއަން ރުފިޔާ ދޫކޮށްފައިވި ނަމަވެސް، މިއެހީތެރިކަން ނުލިބޭކަމުގެ ޝަކުވާތައްވެސް މެދުކެޑުމެއްނެތި ދިޔައީ އިވެމުންނެވެ.

ރިސޯޓުތައް ބަންދުކޮށް، ފަތުރުވެރިން ރާއްޖެއަށް އައުން ހުއްޓުމަކަށް އައުމާއެކު އެއަރޕޯޓު އޮޕްރޭޝަންތައްވެސް މުޅިން ހުއްޓުމަކަށް އައި

ލިބުނު ވޭން ހިސާބު ކުރެވޭ ވަރަށްވުރެ މާބޮޑު

2020 ވަނަ އަހަރަކީ ވޭންދެވި އަހަރަކަށް ވެގެން ދިޔައީ، އެތައް ގޮތަކުން، މުޅި ދުނިޔެއަށްވެސް ކުރިމަތިވެގެން ދިޔަ، ގޮންޖެހުންތަކާ ދަތިތައް ބޮޑުކަމާއި ގިނަކަމުންނެވެ.

މުޅި ދުނިޔެއަށްވެސް ތަހައްމަލް ކުރަން އުދަގޫ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައިރު، މި ވޭނާ ހިތްދަތިކަން އެތައް ގުނައަކުން ބޮޑުވެގެންދިޔައީ އެތައްބަޔަކު މި ކޯވިޑް ކާރިސާގައި ދުނިޔެ ދޫކުރަން ޖެހުމެވެ. ނުހަނު ލޯބިވާ މައިންބަފައިނާއި، އަބިދަރިންވެސް، ދުނިޔެ ދޫކޮށްފައިވަނީ، އެތައް ބައެއްގެ ލޯކުރިމަތީގައެވެ. ބައެއް ގައުމުތަކުގައި އާއިލާތައް އެކުއެކީ މިބަލީގައި ދުނިޔެ ދޫކޮށްފައި ވެއެވެ.

ދުނިޔޭގައި މިބަލީގެ ނުރައްކަލާ އެންމެބޮޑަށް ކުރިމަތިލާން ޖެހުނީ އެމެރިކާއަށެވެ. އެގައުމުގައި، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު، 19.4 މިލިއަން މީހުންނަށް މިބަލި ޖެހިފައިވާއިރު، 336،000 އަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

މުޅި ދުނިޔޭގައި، 82 މިލިއަން މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، 1.79 މިލިއަން މީހުންވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

2020 ވަނަ އަހަރު ނިމިގެން ދިޔައިރު، ކޯވިޑް19 މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައެވެ. ރާއްޖޭގައި ކޯވިޑް19ގެ އަސަރު އެންމެ ބޮޑަށް ކުރި ރަށަކީ ވެރިރަށް މާލެ ކަމަށްވާއިރު، ރާއްޖޭގެ ދެކުނުގެ ރަށްތަކަށްވުރެ ބޮޑަށް އުތުރުގެ ރަށްތަކަށް މިބަލި ފެތުރިގެން ދިޔަ މިންވަރު ބޮޑުކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

2020 ވަނަ އަހަރު ނިމިގެން ދިޔައިރު، 13 ހާހަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި 48 މީހުން މިބަލީގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.

އެހެންނަކަމުން، 2020 ވަނަ އަހަރު ވެގެންދިޔައީ، ހުރިހާ ގޮތަކުންވެސް ވޭނާ ކެކުޅުމުގެ އަހަރަކަށެވެ. ސަބަބަކީ މިބަލީގައި މަރުވެދިޔަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމެވެ. އަދި އެތަކެއް އާއިލާއެއްގެ، އެތައް ބަޔަކު މި ބަލީގައި ނިޔާވެދިޔައިރު، އަތަކެއް އާއިލާތަކަށް ކުރިމަތި ވެގެންދިޔަ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް އެހާމެ ބޮޑުވެފައި ހިތްދައްޗެވެ.

ވަޒީފާތައް ގެއްލި، ވިޔަފާރިތައް ރޫޅި، އަދި ކޯވިޑް ކާރިސާއިން ނުކުތް އިތުރު އެތަކެއް މައްސަލަތަކާ ގުޅުންހުރި އެތައްކަމެއްގެ ނަތީޖާއެއްގެ ގޮތުން، އެތައް އާއިލާތަކެއް ރޫޅިގެން ދިޔައެވެ. އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ.

2020 ވަނަ އަހަރަކީ ވޭނުން ފުރިގެންވާ އަހަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ