އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްޓަކައި އެ ސިޓީއަށް 1.8 މެގަވޮޓުގެ އާ ޖެނެރޭޓަރެއް ފޮނުވައި، ހަލާކުވެފައިވާ ޖެނެރޭޓަރުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.
ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ފެނަކައިން ބުނެފައިވަނީ، އައްޑޫގެ އަވަށްތަކަށް ކަރަންޓުގެ ޚިދުމަތް ދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ސެޓަކަށް މައްސަލަ ދިމާވެ، އިތުރު އެއް ސެޓު މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓުގެ އާ ޖެނެރޭޓަރެއް ހޯދައި އައްޑުއަށް ފޮނުވުމަށް ލޭންޑިންގ ކްރާފްޓަށް އަރުވާފައިވާ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ހަލާކުވެފައިވާ ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ވަނީ ހިންގަން ފެށިފައެވެ. އަދި ދެވަނަ ޖެނެރޭޓަރު މި ހަފްތާގެ ނިޔަލަށް މަރާމާތުކޮށް ނިންމޭނެ ކަމަށާއި، ބޭރުން ސްޕެއަރ ގެނެސް ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން އިތުރަށް ފާހަގަކޮށްފައިވަނީ، ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށް ވާތީ އާއި އައްޑޫގައި ދުވަހުން ދުވަހަށް ކަރަންޓަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން އައްޑުއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެކަމުގައި އާންމުންގެ ޝަކުވާތައް އިތުރުވެފައިވާއިރު، މިހާރުވެސް އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ދަނީ ކަނޑަމުންނެވެ. ފެނަކައިން މި ބަޔާން ނެރެފައިވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާކުރަން ތާވަލުކޮށްފައި ވަނިކޮށެވެ.