ދައުލަތުގެ ސަބްސިޑީގެ ހަރަދު މި އަހަރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން އިތުރުވެއްޖެއެވެ. މިގޮތުން ސަބްސިޑީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 300 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރެވިފައިވަނީ 50 މިލިއަން ރުފިޔާއެވެ.
ސަބްސިޑީގެ އިތުރުން، ހިލޭ އެހީ އާއި އާސަންދައިގެ ޖުމްލަ ހަރަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު 19 ޕަސެންޓު އިތުރުވެ، 473 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ނަމަވެސް، އާސަންދައިގެ ހަރަދު ވަކިން ބަލާއިރު މިދިޔަ އަހަރުގެ 110 މިލިއަން ރުފިޔާއިން މި އަހަރު 63 މިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.
ބަޖެޓުގައި ސަބްސިޑީ އާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހުށަހަޅާފައި ވީނަމަވެސް، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަންކަން ނުކުރަން ނިންމަވާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ލިބޭ ސަބްސިޑީ، އާސަންދަ އަދި ޕެންޝަންގެ ފައިސާ ކަނޑާނުލާނެ ކަމަށެވެ.
ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށް ބަޖެޓުގައި ހުށަހަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި މުއްސަނދިންގެ އަތުން އާސަންދައަށް ވަކި އަދަދެއް ނެގުމާއި، އެންސްޕާގެ މެޑިކަލް ވެލްފެއާ ނިޒާމަށް ބަދަލު ގެނައުމާއި، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ދިނުމުގެ އުސޫލު ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް މި ބަދަލުތައް ގެނައުމަށް ހުށަހެޅި ނަމަވެސް، ސަރުކާރުން މިހާރު ވަނީ މި ކަންކަން ކުރިއަށް ނުގެންދަން ނިންމާފައެވެ.
ފިނޭންސް މިނިސްޓްރީގެ ލަފާގައި، މި އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ދައުލަތުގެ ބަޖެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވެ، މި އަހަރުގެ ބަޖެޓު 57 ބިލިއަން ރުފިޔާއިން 60 ބިލިއަން ރުފިޔާއަށް އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ބަޔާންކޮށްފައިވެއެވެ.