މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިއްޔެ ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކޮށްފިއެވެ. މި މަހުގެ އެއްވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް މަސް ކިރި 86 ދޯންޏަކަށް ޖުމްލަ 5،680،031 ރުފިޔާ ދޫކުރި ކަމަށް އެ ކުންފުނިން "އެކްސް" ގައި ހާމަކޮށްފައިވެއެވެ. މި ފައިސާ ދޯނިތަކަށް އިއްޔެ ހަވީރު 16:30 ގެ ކުރިން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ހޯދައިދީފައެވެ. މިގޮތުން، މިފްކޯއަށް މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ. އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ތަންތަނުގެ ތެރޭގައި ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫ ހިމެނެއެވެ.