ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި މިނިވަންކަން އޮތް ހަމައެކަނި އެއް މުއައްސަސާއަކީ ސުޕްރީމް ކޯޓު ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި ގާނޫނުއަސާސީ ހިމާޔަތްކުރުމަށް އެ ކޯޓުގެ ފަނޑިޔާރުން ފަސްނުޖެހުމަށް އެމްޑީޕީގެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވީ ރޭ އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އަންނަ މަހުގެ 17 ގައި ބެލުމަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނުއަސާސީ ނެގެހެއްޓުމަކީ މިވަގުތު ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ފާހަގަކުރެއްވީ މިރޭގެ ހިނގާލުމުން ފެނިގެންދިޔައީ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ތައްޔާރަށް ތިބިކަމެވެ. އަދި މިއަދު އެމްޑީޕީން މަގުމައްޗަށް ނުކުންނަން މި ޖެހުނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް މި ސަރުކާރުން މަސައްކަތްކުރާތީ ކަމަށާއި، އެކަން ހުއްޓުވުމަށް ލޭ އޮހޮރުވަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިން ގަޑިއިރަށް ވުރެ ދިގު މި ހިނގާލުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެ، ބެނާތަކާއި ޕޯސްޓަރުތަކުގެ އެހީގައި މި ސަރުކާރަށް ފާޑުކިޔައި، ރައީސް މުޙައްމަދު މުއިއްޒުއާއި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެއެވެ. މީގެ އިތުރުން، އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ޕީއެންސީގެ ފިކުރާ ދެކޮޅަށް އަބަދުވެސް ތަޅާފޮޅަން ޖެހޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.