ރާއްޖޭގެ 55 ރަށެއްގައި އައު ކައުންސިލް އިދާރާތަކެއް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެކު ސަރުކާރުން މިއަދު އެއްބަސް ވެއްޖެއެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ހެކްސްޓަރ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޝަރީފެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢުގެ ދަށުން، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި 120 އަށްވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމަށް ވަނީ ރޭވިފައެވެ. މިކަމަށް އިސްކަމެއް ދެއްވަން ޖެހުނު މައިގަނޑު ސަބަބަކީ، ގިނަ ރަށްރަށުގައި ހުރި ކައުންސިލް އިމާރާތްތަކަކީ 30 އާއި 40 އަހަރު ވެފައިވާ، އެއްވެސް މަރާމާތެއް ނުކުރެވި ހުރި އިމާރާތްތަކަކަށް ވުމެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އުފެދުނު އެއްވެސް ސަރުކާރަކުން ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. މިހާރު ގިނަ އިމާރާތްތައް ހުރީ ބޮލަށް ވެއްޓޭ ހިސާބަށް ގޮސްފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު މި އަހަރުގެ ތެރޭގައި ފެށި، ފުރަތަމަ ފިޔަވަހީގެ ދަށުން 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.