އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ރައީސް ފޮނުއްވި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިގޮތުން އަހުމަދު ނާޝިދު (މއ. ގޯލްޑަން މޫން) އަދި އަބްދުﷲ ނާޝިދު (ފަސާނާ/ރ. އަލިފުށި) ގެ ނަން ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްވެގެން ދިޔައެވެ. އެއީ ހާޒިރުވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

އޭސީސީގެ ދެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި މެންބަރު ތޯހާ މުހައްމަދު އަމިއްލައަށް އިސްތިއުފާ ދެއްވުމުންނެވެ. އެއީ އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި ސަލާމް އަދި ތޯހާ ވަނީ އަމިއްލަ މަސްލަހަތު އިސްކޮށް، ގާނޫނާ ހިލާފު ގިނަ އަމަލުތަކެއް ހިންގާފައެވެ.

ސަލާމްގެ މައްޗަށް އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ކަމަށެވެ.

އަދި ތޯހާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭސީސީން ވަކި ކުރި މުވައްޒަފެއްގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް، ނުފޫޒު ބޭނުންކޮށްގެން އެ އިސްތިއުނާފު ބާތިލުކުރި ކަމަށެވެ. އަދި އެ މުވައްޒަފު އެހެން ދެ ތަނެއްގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތު ހިމަނައިގެން، ކޮމިޝަނުގެ ލީގަލް ޓީމުގެ ލަފަޔާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ބަދަލު ދިން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *