ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު މާލޭގައި އަވަހާރަވެއްޖެ އެވެ. އުމުރުން 55 އަހަރުގެ ޝުއައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.
ޝުއައިބު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ 2011 މާޗު 26 ވަނަ ދުވަހުއެވެ. އަދި 2022 ނޮވެމްބަރު 22 ވަނަ ދުވަހު އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ހަމައަށް 11 އަހަރު ވަންދެން އެ މަގާމުގައި ހުންނެވިއެވެ. މީގެ އިތުރުން ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ހާއްސަ ގާޒީކަމާއި، ފެމެލީ ކޯޓުގެ ގާޒީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައިވެއެވެ.
ތައުލީމީ ގޮތުން ޝުއައިބަކީ ގަތަރު ޔުނިވަރސިޓީން 1997 ވަނަ އަހަރު ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރެއްވިއެވެ.