"އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 25,000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާއިފި

"އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 25,000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާއިފި

ގުޅުންހުރި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާން ވިދާޅުވިގޮތުގައި، އެ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 25,000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވެއެވެ.

އިއްޔެގައި މާލެ ސަރަހައްދުގެ ޕްރައިވެޓް ސެކްޓަރ އަދި އާންމު ތަންތަނުގައި "އޮޕަރޭޝަން ކުރަނގި" ގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވުނެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހުސާން ވިދާޅުވިގޮތުގައި، އިއްޔެގެ މަސައްކަތުން 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝިއަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާ ބޭސް އަޕްޑޭޓް ކުރެވިފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމާ މުޚާތަބު ކުރެއްވިއިރު، މި އޮޕަރޭޝަންގެ ދަށުން 10,000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގިފައިވާކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން މިދިޔަ 2 މަސްދުވަހުގެ ތެރޭގައި އިތުރު 15,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގި، މިހާތަނަށް ޖުމްލަ 25,483 ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަމަށް ވަޒީރު އިހުސާން ހާމަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހު ނިންމާލެވޭނެކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ. މީގެއިތުރުން، މި އޮޕަރޭޝަންގައި އެ ވުޒާރާގެ ފޮރިން ލޭބަރ ޑިޕާޓްމެންޓް، އިމިގްރޭޝަން، ޕޮލިސް އަދި މުޅި ހޯމް ސެކްޓަރގެ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ