ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ މުހައްމަދު ނިޒާމް ކުރިން ތަހުގީގަށް ދިން ބަޔާންތަކަކީ ފުލުހުން އޭނާއަށް އަނިޔާކޮށްގެން ދިން ބަޔާންތަކެއް ކަމަށް ތުހުމަތުކޮށް އޭނާގެ ދިފާއީ ވަކީލު މިއަދު ވާހަކަ ދައްކައިފި އެވެ.
ގދ. ތިނަދުއަށް ނިސްބަތްވާ ނިޒާމާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓް ގެއްލިގެން ރިޕޯޓްކުރީ 28 ޑިސެމްބަރު 2022ގަ އެވެ. ޖެހިގެން އައި ދުވަހު އެއާޕޯޓް ނެރު ކައިރިން ތެޔޮ ބޯޓް ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތެވެ.
ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ. މާލޭ ގެސްޓްހައުސްއަކުން އޭނާ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއެވެ.
ލިޓަންގެ ހަށިގަނޑު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް، ލިޓަން މޫދަށް ވައްޓާލައިގެން ނިޒާމު އޭނާ މަރާލީ ކަމަށް ތުހުމަތުކޮށް ދައުލަތުން މަރުގެ ދައުވާ އުފުލިއެވެ. ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށް، ދޯނީގައިވާ 51،000 ރުފިޔާ ވަގަށް ނެގި ކަމަށް ބުނެ ވައްކަމުގެ ދައުވާ އާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.
ނިޒާމުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އަށް ވެސް އޭނާ އިންކާރުކޮށްފައި އޮތުމުން، މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވީ ޝަރީއަތް ފެށުމުގެ ގޮތުން ދެ ފަރާތުން އިފްތިތާހީ ބަޔާން އިއްވުމަށެވެ. އިފްތިތާހީ ބަޔާނަކީ ޝަރީއަތުގައި އެ ފަރާތުން ހުށަހަޅާނެ ކަންކަމާއި މައްސަލަ ކުރިއަށް ގެންދާނެ ގޮތް ހުލާސާ ގޮތެއްގައި ހިމަނައިގެން އިއްވަން ޖެހޭ ބަޔާނެކެވެ.
ނިޒާމުގެ ދިފާއީ ވަކީލު ވިދާޅުވީ މީގެ ކުރިން ތަހުގީގަށް ބަޔާނެއް ދީ، ބައެއް ކަންކަމަށް އެއްބަސްވެފައިވަނީ ފުލުހުން އޭނާއަށް އަނިޔާކޮށް ބިރު ދެއްކުމުގެ ގޮތުން ވާހަކަތަކެއް ދައްކައިގެން މަޖުބޫރުކޮށްގެން ކަމަށެވެ. މީގެ ކުރިން ނިޒާމު ތަހުގީގަށް ދިން ބަޔާނުގައި ލިޓަން މޫދަށް ކޮއްޕާލި ކަމަށް ބުނެފައިވީ ނަމަވެސް، މިހާރު އެކަމަށް އިންކާރުކުރެއެވެ.
ދިފާއުން އެ ގޮތަށް ފާހަގަކުރުމުން، ދައުލަތުގެ ވަކީލު ފަރަހަނާޒު މުހައްމަދު ދީދީ ވަނީ ނިޒާމު ބަޔާން ދިނީ މަޖުބޫރު ކަމެއް ނެތި ކަން ސާބިތު ކުރުމަށް ހެކި ހުށަހެއްޅުވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު، އާންމު އުސޫލުން ދައުލަތަށް އެ ފުރުސަތު ލިބޭނެކަން ފާހަގަ ކުރެއްވިއެވެ. ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކަން ފާހަގަކުރައްވައި މިއަދުގެ އަޑުއެހުން ނިންމާލިއެވެ. މި މައްސާލަގައި ދިފާއުން ހެއްކެއް ހުށަނާޅައެވެ.