ރާއްޖޭގެ އީ-ގަވަރނަންސްގެ އިތުބާރު ގެއްލިއްޖެ: ޝާހިދު

ރާއްޖޭގެ އީ-ގަވަރނަންސްގެ އިތުބާރު ގެއްލިއްޖެ: ޝާހިދު

Author
ހުސައިން
17 ޖެނުއަރީ 2025 12:00
0

އައިޑީކާޑު ޔުނިޓުގެ ޑޭޓާބޭސް އިން "ވައްކަންކޮށް" ރާއްޖެއަށް ގެންނަން މަސައްކަތްކުރާ އީ-ގަވަރނަންސްގެ އިތުބާރު ސަރުކާރުން ގެއްލުވާލައިފިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިރޭ ޕީޓްރަލް ޕާކުގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގައި ހުންނަވައިގެން އެ ޤައުމާ އެއްފެންވަރަކަށް އީ-ގަވަރނަންސް ރާއްޖެއަށް ގެންނަން މަސައްކަތްކުރައްވަމުން ދާއިރު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސްއިން އައިޑީކާޑުތައް ވަގަށްނަގައި ޕީއެންސީއަށް މެންބަރުން ވެއްދުމުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، މި ނިޒާމުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ ކަމަށެވެ.

އީ-ގަވަރނަންސްގެ ނިޒާމަކީ ރައްޔިތުންގެ މަޢުލޫމާތުތައް އިންޓަނެޓްގައި ރައްކާކުރެވިފައިވާ ނިޒާމަކަށްވާއިރު، އެ ނިޒާމާމެދު އިތުބާރު އުފެއްދުމަށް ގިނަ ޤައުމުތަކުން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކުރައްވައި، ދައުލަތުގެ މުއައްސަސާއެއްގައި ހުންނަ ޒާތީ މަޢުލޫމާތު ވަގަށްނަގައި ސަރުކާރު ހިންގާ ޕާޓީގެ ފައިދާއަށް ބޭނުންކުރުމަކީ މުޅި ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަމެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ފުލުހުންނާއި އޭސީސީއަށް ހުށަހަޅައި، އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި، ޕީއެންސީން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކޮށްފައިވާ ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ޞައްޙަކަން އަލުން ކަށަވަރުކުރުމަށް އެދިފައިވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މިއީ އާދައިގެ ކުޑަކުޑަ މައްސަލައެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ޝަޚްޞު ވަގަށްނަގައި، ބޭނުންހާ ގޮތަކަށް ބޭނުންކުރަމުންދާ ކަމެކެވެ. އަދި މި މައްސަލައިގައި އޮޅުވާލައިގެން ވައްދާފައިވާ މީހުންގެ ތެރޭގައި އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ހިމެނޭ ކަމަށް ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.