ފަޒުލްއާއި އޭނާގެ ބޭބެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފަޒުލްއާއި އޭނާގެ ބޭބެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭގޮތަށް 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެޗްޑީސީން، ބިންވެރިޔާ ސްކީމުން ބޭރުން ބައެއް ފަރާތްތަކަށް "ވަގަށް" ގޯތިތަކެއް ދިން މައްސަލާއިގެ ތަހުގީގު ކުރިޔަށް ދަނިކޮށެވެ.

މި މައްސަލަ ސަމާލުކަމަށް އައީ 'ހަސަން ކުރުސީ' ގެ ނަމުގައި 'އެކްސް' ގައި ހިންގާ އެކައުންޓަކުން މިދިޔަ ބުދަ ދުވަހު ހާމަކުރި ލިޔުންތަކާ ގުޅިގެންނެވެ.

މި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްއާއި އޭނާގެ ބޭބެ ފަޒީލް މިހާރު ވަނީ ސަސްޕެންޑް ކުރެވިފައެވެ. ފުލުހުން މި މައްސަލައިގައި އިތުރު 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވީ ނަމަވެސް، އެ ފަރާތްތަކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ލީކްވި ލިޔުންތަކުން ދައްކާގޮތުގައި، ހުޅުމާލޭ ދެވަނަ ފޭހުގެ އެއް ބިން ދެ މީހަކަށް ދީފައިވާކަމާއި، އެ ދެ ފަރާތުން ވެސް އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެޗްޑީސީއަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ބެލުމަށް އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ވަނީ މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް 15 އޮގަސްޓްގައި ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީވެސް ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ބައެއް ނޫންކަމަށެވެ. މީގެ އިތުރުން، މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ބިން ލިބުނު ކަމަށް ދައްކުވައިދޭ 'ފޯޖް' ކުރެވިފައިވާ އެގްރިމެންޓެއް ވެސް ވަނީ ލީކްކުރެވިފައެވެ. ސޯޝަލް މީޑިއާގައި މި މައްސަލައަކީ ފަޒުލްގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެހެން ހުރިހާ ބޯޑު މެމްބަރުންނާއި އިތުރު އިސް ވެރިންތަކެއް ވެސް މިހާރު ވަނީ ސަސްޕެންޑްކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *