ބޭރު ގައުމުތަކުގެ ރެފިއުޖީން ރާއްޖެ ގެންނަ ނަމަ، އެކަމަށް ގާނޫނެއް ހަދަން ޖެހޭ ކަމަށާއި އެމީހުން ރާއްޖެ ގެނައުމުގައި މިހާރު ގާނޫނީ ހަމައެއް ނެތް ކަމަށް މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު، އިބްރާހީމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
ފްރާންސްގެ މުސްލިމް އާއިލާއެއް ވިސާ ނެތި ރާއްޖޭގައި އުޅެމުންދާތާ 12 އަހަރުވެފައިވާ މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފެންމަތިވުމާ އެކު، އެމީހުން ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނާތީ ބައެއް މީހުންގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.
ފާޑު ކިޔާ މީހުން ބުނެފައިވަނީ މުސްލިމް އެ އާއިލާއަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
އިބުރާ ފޭސްބުކްގައި ވިދާޅުވީ ރާއްޖެއަށް އެއްވެސް ބިދޭސީއަކު އައިސް އުޅެވޭނެ ގޮތް ގާނޫނުގައި ބަޔާންވެފައި އެބައޮތް ކަމަށާއި އެނޫން ގޮތަކަށް އައިސް ތިބުން އެއްވެސް މީހަކަށް ކޮންމެ ސަބަބެއް އޮތް ކަމުގައިވީ ނަމަވެސް ހުއްދައެއް ނުކުރެވޭނެ ކަމަށެވެ.
ފްރާންސްގެ ރައްޔިތަކު، އެ ގައުމަށް އެނބުރި ދިއުމުން ހައްޔަރު ކުރާނީ އެ ގައުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިބުރާ ވިދާޅުވީ އެ ގައުމަކީ ސިޔާސީ ބޭނުންތަކަށް، ނުވަތަ ހިޔާލެއް ފާޅުކޮށްގެން، ނުވަތަ ވަކި ދީނަކަށް އުޅޭތީ މީހުން ހައްޔަރުކޮށް އަދަބުދޭ ގައުމެއް ނޫން ކަމަށެވެ.
"މިރާއްޖެއަކީ އަދި ރެފިއުޖީ އިން ގެނައުމުގެ ގާނޫނީ ހަމައެއް ކަނޑައެޅިފައި އޮތް ތަނެއް ނޫން. އިންސާނިއްޔަތަށްޓަކައި މިރާއްޖެއަށް ރެފިއުޖީން ގެންނަން ވެއްޖެކަމަށް ދިވެހީންނަށް ފެންނަނަމަ، އެކަމަށް ގާނޫނު ހަދަންވީ. އޭގެ ކުރިއަކު އެކަމެއް ނުކުރެވޭނެ." އިބުރޭ ވިދާޅުވިއެވެ.