ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ, ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
މަޖިލިހުގެ ރައީސް އަބްދުއްރަހީމް އާއި ނަޝީދު ބައްދަލު ކުރެއްވި ކަމަށް ބުނެ، ހަބަރު ފެތުރީ "އަދަދު" ނޫހުންނެވެ. އެ ނޫހުގައިވާ ގޮތުން އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ގ. ކެނަރީގޭގައެވެ. އެއީ ނަޝީދު ކުޑައިރުއްސުރެ ފެށިގެން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅެވެ.
އެކަމަކު، ނަޝީދު މި އަހަރުގެ ކުރީކޮޅު ވަނީ ދިރިއުޅުއްވުން ގާނާއަށް ބަދަލު ކުރައްވައިފައެވެ. އެ ގައުމަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ނަމަވެސް ދޭތެރެ ދޭތެރެއިން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމް (މުންޑޫ) ވިދާޅުވީ އަބްދުއްރަހީމް، ނަޝީދުއާ ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.
"މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް. ކެނެރީގޭގައި ވެސް މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު މުރައިދޫގައި ވެސް، އެހެން ތަނެއް ގައިވެސް ޢަބްދުއްރަހީމް ޢަބްދުﷲ ނަޝީދާ ބައްދަލެއް ނުކުރައްވާ،" މުންޑޫ ވިދާޅުވިއެވެ.