20 ވަނަ ޤަރުނުގައި ޖުމްހޫރިއްޔަތެއް ގެނައުމަށް ދިވެހިން ދެކުނު ހުވަފެން ހަޤީޤަތަކަށް ވަމުންދާ މަންޒަރު ފެންނަން ފަށާފައިވާކަމުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އާދަމް ނަސީރު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޖުމްހޫރިއްޔަތެއް ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނާ ގުޅޭ ކަންކަމާއި ޤައުމުގެ ތަރައްޤީގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ޙިއްސާއާއި ބައިވެރިވުން އޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެކި ބަދަލުތައް އައި ނަމަވެސް، ނަމަށްވުރެ ކުރާ ކަންތައްތައް މުހިންމުވާ ކަމަށާއި، 20 ވަނަ ޤަރުނުގެ ރައްޔިތުން ދެކެމުން އައި ހުވަފެން މިއަދު ހަޤީޤަތަކަށްވާ ތަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ ހިތްޕުޅުގައި ދިވެހި ޤައުމާއި ދިވެހިންނާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތް ސާފުކޮށް ރައްޔިތުންނަށް ހުށަހެޅުއްވުމުން، ވެރިކަމުގެ އަމާނާތް އިތުބާރާއެކު ރައީސްއަށް ހަވާލުކޮށްފައިވެއެވެ. ވެރިކަން ހަވާލުކުރެއްވުމުގެ ކުރިންވެސް ރައްޔިތުންގެ ފަޅީގައި އަބަދުވެސް ހުންނަވާނެކަމަށާއި، ޤައުމުގެ ހުރިހާ ފަށަލަތަކެއް ޝާމިލްވާ ގޮތަށް ވެރިކަން ކުރައްވަން ބޭނުންފުޅުވާކަން ރައީސް ވިދާޅުވެފައިވެއެވެ.
ވެރިކަމުގައި ހުންނަވާ ބޭފުޅެއް، ހިންގަވަން ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް އިޚުލާސްތެރިކަން ރައްޔިތުންނަށް މަންފާ ލިބުމުގައި އެންމެ ބޮޑުދައުރެއް އަދާކުރަނީ. މިއަދަށް ބަލާއިރު 20ވަނަ ޤަރުނުގެ ދިވެހި ރައްޔިތުން ދުއް ހުވަފެން ޙަޤީގަތަކަށް ވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު ކަމަށް ދަންނަވާކަށް އަޅުގަނޑު ފަހެއް ނުޖެހޭ.
ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތައް ފުއްދެވުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް 20 އަހަރުދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްލޭންގައި ހުރިހާ ރައްޔިތުންގެ ޚިޔާލުތައް ހިމެނުމަށް ރައީސް ބޭނުންފުޅުވާކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށާއި، އެކަމަށް ފުރުޞަތުތައް ހުޅުވާލައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންގެ އަމިއްލަވަންތަކަމާއި، ސަލާމަތާއި، ސަގާފަތާ ގުޅޭ 10 ރަސްމިއްޔާތު އަހަރެއްގެ ތެރޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަންވެސް ވަޒީރު އަދަމް ނަސީރު ފާހަގަކުރެއްވިއެވެ.