އީސީއާއި އޭސީސީގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭ އިސްލާހު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

އީސީއާއި އޭސީސީގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭ އިސްލާހު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

Author
ހުސައިން
06 ނޮވެމްބަރ 2024 10:37
0

އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ. މި އިސްލާހުތަކަކީ އެ ދެ ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.

މި އިސްލާހުތައް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ދެ މެންބަރުންނެވެ. އެގޮތުން އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވާފައިވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

މި ބިލުތަކުގެ މަޤްޞަދަކީ މުސްތަޤިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކުގެ ރައީސްއާއި ނައިބު ރައީސް އައްޔަނުކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެއްހަމަކުރުމެވެ. މިހާރު ޢަމަލުކުރަމުންދާ ގާނޫނުގައި އޮންނަ ގޮތުން، އެ ދެ މަޤާމަށް މީހުން ހޮވަނީ ކޮމިޝަންތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އިއްޔެ މަޖިލީހުގައި މި ބިލުތަކުގެ ބަހުސް ނިމި، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާންތަކުގައިވާ ގޮތުން، މި ބިލުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.