ޑިއުޓީ ބޮޑުކުރުމާއެކު، ބާޒާރުގައި ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއާއި ހަމައަށް އުފުލިއްޖެ

ޑިއުޓީ ބޮޑުކުރުމާއެކު، ބާޒާރުގައި ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއާއި ހަމައަށް އުފުލިއްޖެ

ގުޅުންހުރި

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމުމާއެކު، ސިނގިރޭޓު ފޮއްޓެއްގެ އަގު ބާޒާރުގައި 250 ރުފިޔާއާ ހަމައަށް އުފުލިއްޖެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުޢިއްޒު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރުމަށް ނިންމަވައި، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފައިވެއެވެ.

މި ބަދަލާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓު އެތެރެކުރާ ރޫޓްއިން، ކުރިން 995 ރުފިޔާއަށް ވިއްކަމުން އައި ސިނގިރޭޓު ކާޓަންއެއްގެ އަގު މިހާރު ވަނީ 2240 ރުފިޔާއަށް ބޮޑުކޮށްފައެވެ. މާލޭގެ ގިނަ ފިހާރަތަކުން މިހާރު ސިނގިރޭޓު ފޮއްޓެއް ވިއްކަމުން އަންނަނީ 245 އާއި 250 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ބައެއް ފިހާރަތަކުން ސިނގިރޭޓުގެ ސްޓޮކް ހުސްވެ، އަލުން ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެނގިފައި ވެއެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދުންފަތާއި ދުންފަތުން އުފައްދާ ތަކެއްޗާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ އިތުރުކުރުމެވެ. މިގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއާއި ކެމިކަލްގެ ޑިއުޓީ 50 ޕަސެންޓަށް ބޮޑުކޮށް، މިލިލީޓަރަކަށް 8 ރުފިޔާ ނެގުމަށާއި، ހޫނުކޮށްގެން ބޭނުންކުރާ ބާވަތްތަކުގެ ޑިއުޓީ ވެސް މިފަދައިން ބޮޑުކުރުމަށް ނިންމައިފައިވެއެވެ.

މި އިސްލާހުތަކާއެކު ސިނގިރޭޓާއި ބިޑިން ލިބޭ އާމްދަނީ އިތުރުވެ، އަންނަ އަހަރު އެކަނި ވެސް 1.05 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މީގެ އިތުރުން ވޭޕް ރާއްޖެއަށް އެތެރެކުރުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ނިންމައި، އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *