ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ހާމަކުރެއްވި ގޮތުގައި، މާދަމާ ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން ނޮވެންބަރު ތިނެއްގެ ހާދިސާގައި ބޭނުންކުރެވުނު ބައެއް ހަތިޔާރުތައް ދައްކާލުމަށް ސިފައިންގެ މައުރަޒެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
'ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު' ގެ ނަމުގައި ބޭއްވޭ މި މައުރަޒަކީ މިހާތަނަށް ބޭއްވުނު މައުރަޒުތަކާ ވަރަށް ތަފާތު މައުރަޒަކަށް ވާނެކަމަށް ސައީދު ވިދާޅުވިއެވެ. މި މައުރަޒުގައި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއާއި، އެދުވަހު ޝަހީދުވި އަބުޠާލުންގެ ހަނދާން އާކޮށް، މިއަދުގެ ޖީލަށް އެ ހާދިސާގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
އަދި މި މައުރަޒުގައި ނޮވެންބަރު ތިނެއްގެ ހާދިސާ ސިފަކޮށްދޭ ކުރެހުންތަކާއި، ފޮޓޯތަކާއި، އަޑާއި، ވީޑިއޯތަކުގެ އިތުރުން އެދުވަހު ބޭނުންކުރެވުނު ބައެއް އާލާތްތައްވެސް ބެހެއްޓޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މި މައުރަޒު މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ