މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ވަކި ކޮށްފި

މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ވަކި ކޮށްފި

Author
ހުސައިން
01 ނޮވެމްބަރ 2024 08:55
0

މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޕަބްލިކް ސާވިސް މީޑިއާގެ ވަޒީފާއިން މިރޭ ކުއްލިގޮތަކަށް ވަކިކޮށްފިއެވެ. އޭނާ ވަކިކުރެވުނުއިރު ހުންނެވީ ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަންސްގެ މަޤާމުގައެވެ.

މި މައްސަލަ ދިމާވީ، އެމްއެމްސީން ރޭ ބޭއްވި ނޫސްވެރިންގެ އެވޯޑް ދިނުމުގެ ހަފްލާގައި ދެއްކި ވީޑިއޯއަކާ ގުޅިގެން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި މައްސަލަ ބޮޑުވުމުންނެވެ. ހަފްލާގައި މައްސަލަ ހޫނުވެގެން ދިޔައީ ތަހުގީގީ ދާއިރާއިން އިނާމު ލިބުނު "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީގެ ކުޑަ ބައެއް ދެއްކުމާ ގުޅިގެންނެވެ. މި ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން ވަނީ ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ޕީއެސްއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ވީޑިއޯއަކީ އެ ކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާ ޚިލާފު އެއްޗެއް ކަމަށެވެ. އަދި އެމްއެމްސީން މިކަން ކުރީ ގަސްތުގައި ރާވައިގެން ކަމަށް ތުހުމަތުކޮށް، އެ ކަން ކުށްވެރިކޮށް، މައްސަލަ ބަލައިދިނުމަށް މަޖިލީހަށްވެސް ހުށަހަޅާފައިވެއެވެ.

އެމްއެމްސީގެ ރައީސް އާއި ނައިބު ރައީސް އަދި މެންބަރުންނަކީ ޕާޓްޓައިމްކޮށް މަސައްކަތްކުރާ ބައެއްކަމުން، އެހެން ތަނެއްގައި ވަޒީފާ އަދާކުރުމަށް އެއްވެސް ހުރަހެއް ނޯވެއެވެ. މުސްތަފާގެ ވަކިކުރުމާ ގުޅޭގޮތުން ޕީއެސްއެމްގެ އިސްވެރިންގެ ފަރާތުން އަދި އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.