ރީތީގެ މުބާރާތްތަކުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް، އެކަން ހުއްޓުވުމަކީ އެންމެންގެވެސް ޒިންމާއެއް: ޝައިޚު ދާވޫދު

ރީތީގެ މުބާރާތްތަކުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް، އެކަން ހުއްޓުވުމަކީ އެންމެންގެވެސް ޒިންމާއެއް: ޝައިޚު ދާވޫދު

Author
ހުސައިން
30 އޮކްޓޯބަރ 2024 08:23
0

ރީތީގެ މުބާރާތްތަކުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.

ދާރިސް ޓީވީގެ ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރީތީގެ މުބާރާތްތަކުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ ހަށިގަނޑާއި ވަނާތައް މީސްތަކުންނަށް ދެއްކުން ކަމުގައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި ވާގޮތުން އަންހެނާއަކީ އައުރައެއްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އަންހެނަކު ކިތަންމެ ނިވާވެގެން ނަމަވެސް ގެއިން ބޭރަށް ނިކުތުމުން ޝައިޠާނާ އޭނާގެ މައްޗަށް ފާވެގަނެ، އެހެން މީހުންގެ ލޯތަކަށް އެކަނބުލޭގެ ޒީނަތްތެރިކަން ދައްކާ ކަމުގައެވެ. މިކަން މިހެން އޮތްއިރު، ހަށިގަނޑު ހާމަކޮށް ނުކުތުމަކީ މުއުމިނުންގެ މެދުގައި ފާޙިޝް ޢަމަލު ފެތުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ޝެއިޚް ވިދާޅުވިއެވެ.

ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވޭ، އަންހެނާއަކީ އައުރަ އެކޭ. މާނައަކީ ރައްކާތެރިވާންޖެހޭ ބޭކަނބަލެކޭ. އަންހެނާ މަގު މައްޗަށް ނުކުމެއްޖެއްޔާ، މާނައަކީ އޭނާ ގެއިން ބޭރަށް ނުކުމެއްޖެއްޔާ، ވަރިހަމަ ކިތަންމެ ނިވާވެގެން ވިޔަސް، ނުކުމެއްޖެއްޔާ ޝައިޠާނާ އޭނާގެ މައްޗަށް ފާވެގަންނާނޭ. މާނައަކީ، ޝައިޠާނާ، އެކަނބުލޭގެ ޒީނަތްތެރި ކުރުވާނޭ އެހެން މީހުންގެ ލޯތަކަށް.

ޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި އަންހެނުން ބައިވެރިކުރުވާ ފަރާތްތަކަށް ﷲ އަށް ބިރުވެތިވުމަށް ޝެއިޚް ގޮވާލެއްވިއެވެ. އަދި މިއީ ދުނިޔެއާއި އާޚިރަތުގައި ﷲގެ ކޯފާއާ ކުރިމަތިލާންޖެހޭނެ ކަމެއްކަމަށާއި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭނެ ކަމެއްކަމަށް ވިދާޅުވިއެވެ.

ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ހިތާމަހުރި ކަމެއްކަމަށް ފާހަގަކުރައްވައި، ދައުލަތުގެ ޒިންމާދާރު ފަރާތްތަކުން މިކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް ޝެއިޚް ގޮވާލައްވާފައިވެއެވެ.

ރީތީގެ މުބާރާތްތަކުގައި ބައިވެރިވުމަކީ ފާފައެއްކަމަށް ޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވެފައިވާއިރު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ރީތީގެ މުބާރާތިގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް ދިވެހި އަންހެންކުއްޖަކޫ ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.