ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ވަނީ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް ދެގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލުތައް ފާސްކޮށްފައެވެ.
މި ދެ ބިލު މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ބައެއް މެންބަރުންގެ ޚިޔާލު ތަފާތުވުމާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ބިލުތައް ސަބް ކޮމިޓީއަށް ފޮނުވުނެވެ. މިއަދު ބޭއްވުނު ސަބް ކޮމިޓީގެ ބައްދަލުވުމުގައި މި ދެ ބިލު ދިރާސާކުރުމަށްފަހު، ބައެއް މާއްދާތަކަށް ބަދަލުގެނެސް ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް، އަދި ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު އަންނަ އަހަރު ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.
އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި އެއާޕޯޓް ޓެކްސްއާ ބެހޭ އިސްލާހުގައިވާ ގޮތުން، އަންނަ ޑިސެމްބަރުން ފެށިގެން އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ފުރާ ފަސިންޖަރުންގެ އަތުން 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުން ފުރާ ފަސިންޖަރުންގެ އަތުން 90 ޑޮލަރުން 240 ޑޮލަރަށް، އަދި ޕްރައިވެޓް ޖެޓުން ފުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ވެސް މި ނިސްބަތުން ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން މިހާރު ނަގާ 12 ޑޮލަރަށް ބަދަލެއް ނާންނާނެއެވެ.
ކޮމެންޓު ފޮނުވާ