ސިޔާސީ މުވައްޒަފުންނާއި، ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަކީ ޤައުމުގެ މާލީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެކަން ޔަގީންކުރުމަށް އެޅުއްވި ވަރުގަދަ ފިޔަވަޅެއް ކަމުގައި ވެރިކަންކުރާ ޕީ.އެން.ސީން ބުނެފިއެވެ.
ރައީސް ޑރ. މުޢިއްޒު އިއްޔެ އިޢުލާންކުރެއްވީ 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހުށަހެޅުއްވި އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އަޅުއްވާ ޚާއްޞަ ފިޔަވަޅުތަކެކެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައިވާ އެންމެހާ ފަރާތްތަކުގެ މުސާރައިން 10 އިންސައްތަ ކަނޑާލުމާއި، ބޭންކުތައް ފިޔަވައި ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ ކަނޑާލުމާއި، މި ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ 90,000 ރުފިޔާއަށް ހަނިކުރުމާއި، މުސްތަޤިއްލު މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ ކަނޑާލުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، އަދި ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ ކަނޑާލުމަށް އެ ފަރާތްތަކަށް ހުށަހެޅުމެވެ.
އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ޕީ.އެން.ސީން ބުނީ ރައީސްގެ މި ނިންމެވުމަކީ ވަރުގަދަ އަދި ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ޚަރަދު އިންތިހާއަށް އިތުރުވެ، އާމްދަނީއާއި ޚަރަދާ ދެމެދުގެ ގެޕް އިތުރަށް ބޮޑުވަމުން ދިޔަ ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި މިކަމުން އުފެދޭ މައްސަލަތައް ޙައްލުކުރުމަށް މާލީ މުއައްސަސާތަކުން ދެމުން ދިޔަ ލަފާތަކަށް އޭރުގެ ސަރުކާރުން ބީރުކަންފަތެއް ދިން ކަމަށްވެސް ފާހަގަކުރިއެވެ.
އިތުރަށް ޕީ.އެން.ސީން ފާހަގަކުރި ގޮތުގައި ކުރީގެ ސަރުކާރުން ބަޖެޓު ކޮންޓްރޯލްކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.8 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކުރެވުނު ނަމަވެސް 11.3 ބިލިއަން ރުފިޔާގައި އަރައިގެންދިޔަ ކަމުގައެވެ. 2023 ވަނަ އަހަރުގެ އަދަދުތައް 8.6 ބިލިއަން ރުފިޔާއިން 13.5 ބިލިއަން ރުފިޔާއަށް އިތުރުވިއިރު، އާމްދަނީއާ އެއްވަރަށް ޚަރަދުތައް ނުހިފެހެއްޓުމުގެ ސަބަބުން ބަޖެޓު ޑެފިސިޓް އިތުރުވެފައިވާކަމަށް ޕީ.އެން.ސީން ފާހަގަ ކޮށްފައި ވެއެވެ.
މިއީ ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ޔަޤީންކުރުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް އަޅުއްވާފައިވާ ވަރުގަދަ ފިޔަވަޅެކެވެ. މިއީ ސިޔާސީގޮތުން އުނދަގޫ ނިންމުމެއް ނަމަވެސް، ޤައުމުގެ މަސްލަޙަތަށްޓަކައި ނިންމަންޖެހޭ ނިންމުމެކެވެ.
ޕީ.އެން.ސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
12,000 ރުފިޔާއަށްވުރެ ދަށުން މުސާރަ ލިބޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.